ކީރިތި ރަސޫލާ (ޞޢވ)އަށާއި އިސްލާމްދީނާއި މުސްލިމުންނަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި ނޫސްމަޖައްލާ ނެރެމުންދާތީ އެއީ "މުސްލިމުން ރުޅިއެރުވުމަށް" ހިންގާ ޖަރީމާއެއް ކަމަށް ސިފަކުރައްވައި، ނޫސްވެރިކަމުގެ މިނިވަން ކަމަކީ ފުރައްސާރަކުރުމަށް ދެވޭ 'ލައިސަންސެއް' ނޫން ކަމަށް ތުރުކީގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯ ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ޗާލީ ހެބްޑޫ ނޫހުން ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށް ކާޓޫން ކުރަހައި ނެރުނު ޕަބްލިކޭޝަންގައި ވާ ފޮޓޯތަށް ތުރުކީގެ ލީޑިން ދުވަހު ނޫހެއް ކަމަށްވާ 'ޗުމޫރިޔެތު' (ޖުމްހޫރިއްޔާ) ގައި ޝާއިއުކުރި މައްސަލައާ ގުޅިގެން މިއަދު އަންކާރާގައި ނޫސްވެރިނާ ބައްދަލުކުރައްވައި ބޮޑުވަޒީރު ދާވޫދު ވިދާޅުވީ، "ނޫސްވެރިކަމުގެ މިނިވަންކަމަކީ ފުރައްސާރަ ކުރުމަށް މިނިވަންކަން ދިނުމެއް ނޫން" ކަމަށެވެ.

"ރަސޫލާއަށް ފުރައްސާރަކުރުމަށް އަހަރެމެން ފުރުސަތެއް ނުދޭނަން... ކާޓޫނު ޕްރިންޓުކޮށްގެން ނެރުމަކީ މުސްލިމުން ރުޅިއެރުވުމަށް ކުރި ކަމެއް،" ތުރުކީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ދާވޫދު ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން 17 މީހުން މަރުވި ޕެރިސް ހަމަލާއާ އަޅައިކިޔާއިރު ނަތަންޔާހޫ އެއަށް ވުރެ މާ ބޮޑެތި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގާފައިވާ ކަމަށް ދާވޫދު ވިދާޅުވި އެވެ.

"ޕެރިހުގައި ހިންގި ގަތުލުއާންމެކޭ އެއްގޮތަށް ނަތަންޔާހޫވަނީ، އިންސާނިޔަތާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާފައި،" 2010 ވަނަ އަހަރު ތުރުކީގެ އެހީގެ ގާފިލާއަކަށް ހަމަލާދީ އެތައް ބަޔަކު މަރާލުމަށް އިސްރާއީލުން ހިންގި ދަށު ދަރަޖައިގެ އަމަލާއި، ހުސްވި އަހަރު ޣައްޒާގައި އިސްރާއީލުން ހިންގި ގަތުލުޢާންމަށް އިޝާރަތްކުރައްވައި ބޮޑުވަޒީރު ދާވޫދު ވިދާޅުވި އެވެ. (އަލްއަރަބިއްޔާ)