15 Jan 2015, 14:59
އއ. އުކުޅަހުގެ ފެންޕްލާންޓުން ފެންދޫކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރިތާ ތިން މަސްވެފައި ވާއިރު، އަދިވެސް ފެން ދޫކުރަން ފަށާފައިނުވާތީ އެރަށު ކައުންސިލުން އެކަމާ ކަންބޮޑުވުންފާޅުކޮށްފި އެވެ.
އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު މިއަދު 'ސަން' އަށް ވިދާޅުވީ އުކުޅަހުގައި ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން، ރަށުގެ ހުރިހާގެއަކަށް ފެން ހޮޅި އަޅައި ހުރިހާ ތައްޔާރީއެއްވުމަށް ފަހު، ފެންފޯރުކޮށް ދިނުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރިތާ ތިން މަސްވެފައިވާކަމަށާއި، އެހެންނަމަވެސް އަދިވެސް ފެން ފޯރުކޮށްދެން ނުފަށާކަމަށެވެ.
"ކީއްވެގެން ކަމެއް ނޭންގެ ފެންފޯރުކޮށްދެން ނުފެށިގެން އުޅެނީ، އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ވިޔާ، އެއްވެސް އެއްޗެއް ހަލާކެއްވެސް ނުވޭ ފެންޕްލާންޓުގެ،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ އިމާރާތްތަކާިއ، ސަރުކާރުގެ އިމާރާތްތަކުން ފެންލިބުމުގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. އެގޮތުން ތަންތަން ކުއްޔަށްހިފައިގެން އުޅޭ ބިދޭސީ މުވައްޒަފުންނަށްވެސް ފެން ލިބިމުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުކުޅަހުގެ ފެންޕްލާންޓް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރެވިފައިވާ ކަމަށާއި ރައްކާތެރި ސާފި ބޯފެން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމަށް އެކަށީގެންވާ މުއްދަތެއް ނަގާނެ ކަމަށާއި ފެނަކީ ވަރަށް ގިނަ ޓެސްޓުތަކެއް ހެދުމަށްފަހު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭންޖެހޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މާލަސްތަކެއް ނުވެ އެ ފެންޕްލާންޓުގެ ޚިދުމަތް އުކުޅަހު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.