ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވުމުން، އޭނާ މަގާމުން ވަކިވެއްޖެ ކަމަށް އެ ފަސް މެމްބަރުން ބުނެފި އެވެ. އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރުގެ މައްޗަށް ވެސް އެ ފަސް މެމްބަރުން ވަނީ އިތުބާރު ނެތް ކަމަށް ފާސްކޮށްފަ އެވެ.

އިތުބާރު ނެތް ކަމުގެ އެ މައްސަލަ ކުރިއަށް ގެންދިޔައީ އެލްޖީއޭގެ އިދާރީ އެއްވެސް މުވައްޒަފެއްގެ އެހީއާ ނުލަ އެވެ. އަތުލިޔުމުން އެޖެންޑާ ތައްޔާރު ކުރި ބައްދަލުވުމުގައި އެލްޖީއޭ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އެ އޮތޯރިޓީގެ ބޯޑަށް ހޮވިފައިވާ ސުޖާއު ހުސައިން އެވެ. އޭނާއަކީ އެލްޖީއޭގެ ނައިބު ރައީސް ކަމުގެ މަގާމު ވެސް ފުރުއްވެވި ބޭފުޅެކެވެ.

ސުޖާއު މިއަދު ވިދާޅުވީ އެލްޖީއޭގެ ބޯޑުގެ ބައްދަލުވުން ކުރިއަށް ގެންދިޔަ އިރު އިދާރީ މުވައްޒަފުން އެކަމަށް ހުރަސް އެޅި ކަމަށާއި އެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އެލްޖީއޭގެ ބޯޑުގެ ބައްދަލުވުންތަކަށް ހުރަސް އެޅީ އެ އޮތޯރިޓީގެ މުވައްޒަފުންކަމުގައި ވާތީ އެ މީހުންގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ސުޖާއު ވިދާޅުވި އެވެ.

"ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް ވެސް ވަރަށް އިހުތިރާމާ އެކު ދަންނަވަން އެލްޖީއޭ އިން ނިންމި ނިންމުން ތަންފީޒުކޮށްދިނުމަށް އެދި،" ސުޖާއު ވިދާޅުވި އެވެ.

އެލްޖީއޭގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރީ އިޖުރާއަތާ ހިލާފުވުމެއް ނެތި، އެލްޖީއޭގެ ބޯޑުގެ އަގުލަބިއްޔަތުން ކަމަށެވެ.