ޅެންވެރިން އުފެއްދުމަށް ހާއްސަ ހަރަކާތްތަކެއް މިއަހަރު ތެރޭ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހިންގުމަށް ނިންމާފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުންދާ ޅެންވެރިންގެ ދުވަހާއި ގުޅިގެން "ސަން"އަށް ދެއްވި އިންޓަވިއޫއެއްގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ "ދިވެހި ޝާއިރީއަތު މުޑުވައްކުރުން" ޝިއާރުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"މިކަމުގެ މަގުސަދުތަކުގެ ތެރޭގައި އަންނަ އަހަރު ޅެން ހެދުމުގެ ގައުމީ މުބާރާތް ވެސް މުޅި ރާއްޖެއަށް ހުޅުވާލަން މި އުޅެނީ، އޭރުން އެކަން ކޮށްދޭނެ ހުނަރުހުރި މީހުން ތިބޭނެ،" އަޝްރަފް ވިދާޅުވި އެވެ.

މި މަސް ނިމުމުގެ ކުރިން ޅެން ހަދަން ދަސްކޮށްދޭ ކުރު ތަމްރީން ޕުރޮގުރާތަކެއް ބާއްވައި އޭގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް އަތޮޅު ތެރެއަށް ފޮނުވައި އެ ޕުރޮގުރާމްތައް ފެށިގެންދާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ވެސް ވަރަށް ރީތި ޅެން ހައްދަވާ ބޭފުޅުން އެބައުޅުއްވާ ކަމަށާއި އެހެންކަމުން ޅެންވެރިކަމުގެ މުސްތަގުބަލެއް އެބައޮތް ކަމަށް ވިދާޅުވެ އަޝްރަފް ވިދާޅުވީ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ޕުރޮގުރާމްތަކެއް ސްކޫލްތަކުގައި ކުރިއަށް ގެންދަމުންދާ ކަމަށެވެ. ޅެންވެރިން ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ހަރަކާތްތައް ކުރިއަށްއޮތް ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަތޮޅު ތެރޭ ސުކޫލްތަކުގައި ވަރަށް ކުލަ ގަދަގޮތެއްގައި ކުރިއަށް އެބަދޭ ހަރަކާތްތަކެއް، ހަމައެއާއެކުގައި މާލޭގެ ސުކޫލްތަކުގައި މިއޮތީ ޅެންވެރިންގެ ދުވަހަށް ހާއްސަކޮށްފައި ހަފްތާގެ ފިލާވަޅުތަކާއި ހާއްސަ އެސެމްބުލީތައް ވެސް އެބަކުރިއަށްދޭ" އަޝްރަފް ވިދާޅުވި އެވެ.

މިއަދަކީ 26 ވަނަ ޅެންވެރީންގެ ދުވަހެވެ. މިދުވަސް ނިސްބަތްވަނީ ޝާއިރުއްޝަބާބު އަލްއުސްތާޒު އިބްރާހިމް ޝިހާބަށެވެ.