15 Jan 2015, 13:40
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރު ހޮވާލި ހަތަރު އެސިސްޓެންޓް ރެފްރީއަކަށާއި މެދަށް އަރާ ހަތަރު ރެފްރީއަކަށް ފިފާ ބެޖް ހަވާލު ކޮށްފިއެވެ.
ރެފްރީންނަށް ބެޖް ހަވާލުކޮށްދެއްވާފައި ވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލު އާއި އެފްއޭއެމް ކޮމިޓީ މެންބަރު މުހައްމަދު ނިޒާމް އެވެ.
އެ ރަސްމިއްޔާތުގައި މެދަށް އަރާ ރެފްރީންގެ ގޮތުގައި މިއަދު ބެޖް ލިބިގެން ދިޔައީ އަހްމަދު އަސްލަމް އާއި އަހްމަދު ޝިފާން އަބްދުއްރަހީމް އާއި އަހްމަދު އަފްސަހު އަދި މުޅިން އަލަށް ބެޖް ލިބުނު ޒައީމް އަލީ އެވެ. އަދި ބެޖް ހާވާލުކުރެވުނު އެސިސްޓަންޓް ރެފްރީންގެ ތެރޭގައި ހިމެނެނީ މުޅިން އަލަށް އެ ބެޖު ލިބުނު އަހްމަދު އަބްދުﷲ އާއި ޖައުފަރު ރަޝީދު އަދި ތަޖުރިބާކާރު ދެ އެސިސްޓެންޓް ރެފްރީން ކަމަށްވާ އިބްރާހިމް ތައުފީގު އާއި އަހްމަދު އަމީޒު އެވެ.
މިއަދު ބެޖް ހަވާލުކުރި ރެފްރީންގެ ތެރެއިން ފީފާ ރެފްރީއެއްގެ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވާ ރެފްރީއަކީ ވޭތުވެދިޔަ 15 އަހަރު ފީފާ ރެފްރިކަން ކޮށްފައިވާ އަހްމަދު އަމީޒު އެވެ.
ރެފްރީންނާއި ބެޖް ހަވާލުކުރުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު މުހައްމަދު ނިޒާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދިޔުމުގެ މަސައްކަތުގައި އެންމެ މުހިންމު އެއް ބަޔަކީ ރެފްރީން ކަމަށެވެ. އަދި ރެފްރީންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި، ރެފްރީން އިތުރަށް ތަރައްގީ ކުރުމަށް މިއަހަރުތެރޭ އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.
"ރެފްރީންނަކީ އިހުތިރާމު ކުރަން ޖެހޭ، އިހުތިރާމު ލިބެންޖެހޭ ބައެއް. ވޭތުވެދިޔަ ތާނގައި ރެފްރީންނަށް ވަރަށް ދެރަ ހާދިސާތަކާ ކުރިމަތިލާން ޖެހިފައި އެބަހުރި. ނަމަވެސް އަޅުގަނޑުމެން ދޭން އޮތް އިތުބާރަކީ މިހިސާބުން ފެށިގެން ރެފްރީއަކަށް ދިމާވާ ކޮންމެ ކަމެއްގައި، އެއީ ކުޅުންތެރިއެއްގެ ފަރާތުން ވިޔަސް، ނުވަތަ މެނޭޖަރެއްގެ ފަރާތުން ވިޔަސް، ކޮންމެ މީހަކު ކުރި ކަމެއް ކަމުގައި ވިޔަސް، އެކަމަށް އެކަށީގެންވާ އެންމެ ހަރުކަށި ފިޔަވަޅު އެފްއޭއެމުން އަޅާނެކަމުގެ ޔަގީންކަން،" ނިޒާމް ވިދާޅުވިއެވެ.
ރެފްރީންގެ ހައްގުތައް ރައްކާތެރި ކުރުމަށް އިސްކަން ދިނުމުގެ އިތުރުން، ރެފްރީންނަށް ދެވޭ އުޖޫރަ މިއަހަރުތެރޭ ބޮޑުކޮށްދޭނެ ކަމަށް ވެސް ނިޒާމް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ރެފްރީ އިންސްޓްރަކްޓަރަކު ގެނެސް، އާ ރެފްރީން ތަމްރީނު ކުރުމާއި މިހާރު ތިބި ރެފްރީންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.