15 Jan 2015, 13:34
އަންނަ މަހު ދެ އަތޮޅެއްގައި ޕެރެމެޑިކް އެމްބިއުލާންސް ނުވަތަ އެމަޖެންސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހުސައިން ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޕެރިމެޑިކް އެމްބިއުލާންސްގެ ޚިދުމަތް ފެށޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މިވަނީ ގާތްގަނޑަކަށް ވެފައި. މި ހިދުމަތް ފެށިގެން މިދަނީ އައްޑު އަތޮޅުގައާ ލ އަތޮޅުގައި. އަދި ހަމައެއާއެކު މާލޭގައިވެސް މި ހިދުމަތް އިރާދަކުރެއްވިާ އަންނަ މަހުން ފަށައިގެން ލިބެމުންދާނެ. " ހުސައިން ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އެ ޚިދުމަތް ފެށުމަށް ނިންމާފައި ވަނީ ރާއްޖޭގެ ބޮޑު ދެ ސަރަހައްދެއްގައި ކަމަށެވެ. އަދި ބޮޑު ދެ ސަރަހައްދުގައި އެ ޚިދުމަތް ދިނުމަށް ނިންމާފައި ވަނީ އެ ސަރަހައްދުތަކަކީ އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާ ސަރަހައްދުކަށް ވާތީ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަންނަ މަހު އެ ހިދުމަތް ދެމުން އަންނަން މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތް ފެށޭއިރު ޕެރިމެޑިކް އެމްބިއުލާންސްގައި ހިދުމަތް ދޭނެ މީހުން ވެސް ތިބޭނީ ހަމަޖެހިފައި. އަދި ހަމައެއާއެކު އެ އެމްބިއުލާންސްގައި ތިބޭނީ އެކަމަށް ޓްރެއިނިން ވެފައި ތިބި މީހުން،" ހުސައިން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ޕެރެމެޑިކް ނުވަތަ އެމެޖެންސީ ފަރުވާދޭ އެމްބިއުލާންސްގެ ޚިދުމަތް ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުން ނެވެ. އޭޑީކޭ ހޮސްޕިޓަލުން އަންނީ 2008 ވަނަ އަހަރުން ފަށައިގެން އެ ޚިދުމަތް ދެމުން ނެވެ.