ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތުން ސަރުކާރު ހިންގާ އެމްޑީޕީގެ މައްޗަށް 10000 ވޯޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީ އަށް ލިބުނު ކާމިޔާބީ އިއުލާން ކުރައްވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި ތަސްމީން ވިދާޅުވީ އިންތިހާބުގައި ވޯޓްލީ މީހުންގެ ނިސްބަތަށް ބަލާ ނަމަ އެމްޑީޕީ އަށް ކާމިޔާބުކުރެވުނީ އެންމެ 36 ޕަސެންޓް ގޮނޑި ކަމަށެވެ. އަދި ވިދާޅުވީ ވޯޓްލާން ނިކުތް މީހުންގެ 64 ޕަސެންޓް މީހުން މި ސަރުކާރާ ދެކޮޅަށް ވޯޓް ލާފައިވާ ކަމަށެވެ.

"ގޮޑިތައް ލިބުނު ގޮތަށް ބަލާއިރު 60 އެތައް ޕަސެންޓެއް މި ލިބުނީ އިދިކޮޅު ފަރާތްތަކަށް. ސަރުކާރަށް މި ލިބުނީ އެންމެ 30 ހަކަށް ޕަސެންޓް. ތިރީސް ހަ ޕަސެންޓް ލިބުމަކީ މި ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް ކަމެއް ކަމަށް ގަބޫލު ކުރެވެންޏާ އެއީ މައްސަލައެއް،" އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ތަސްމީން ވިދާޅުވި އެވެ.

މާލޭގެ ސިޓީ ކައުންސިލްގެ ގިނަ ގޮޑިތަކެއް ޑީއާރުޕީ އަށް ގެއްލުނު މައްސަލަ އަށް އަލިއަޅުވާލައްވަމުން ތަސްމީން ވިދާޅުވީ އެގޮނޑިތައް ގެއްލިގެން ދިޔައީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން ކަމަށާއި ޕާޓީގެ ބައެއް މެންބަރުން ވެސް ޑީއާރުޕީގެ ޓިކެޓްގައި ނިކުތް ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ އެ ގޮނޑިތައް ޑީއާރުޕީ އަށް ގެއްލުމުގެ ފުރިހަމަ ޒިންމާ ޕާޓީ އާ ދެކޮޅު ހަރަކާތްތައް ހިންގެވި ފަރާތްތަކުން ނަންގަވަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށާއި ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެ ގޮނޑިތައް ގެއްލުނީ ޑީއާރުޕީގެ މެންބަރުން ގަވާއިދާ ހިލާފަށް ކުރިމަތި ލައްވައިގެން ވާދަކުރެއްވުމުން.... މި ގެއްލުމުގެ ޒިންމާ ނަންގަވަން ޖެހޭނީ ޑީއާރުޕީގެ މެންބަރުގެ ގޮތުގައި ކުރިމަތިލެއްވި ބޭފުޅުންނާއި ފަހަތުގައި ތިއްބެވި ބޭފުޅުންނާއި އެ ބޭފޫޅުންނަށް މަސައްކަތް ކޮށްދެއްވި ބޭފުޅުން،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ޑީއާރުޕީ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ބޭއްވި އިންތިހާބަކުން އެ ޕާޓީ ކުރިއެރުން ހޯދުމަކީ ޑީއާރުޕީ އަށް ތާއީދު އޮތްކަން ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމު، ޑީއާރުޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރެއްވުމަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އުމަރު ނަސީރަށް އިޝާރާތް ކުރައްވަމުން ތަސްމީން ވިދާޅުވީ މައުމޫންގެ ފަހަތްޕުޅުގައި ޕާޓީން ވަކިކޮށްފައިވާ ބޭފުޅުން ތިއްބެވިހާ ހިނދަކު މައުމޫން އިންތިޒާމް ކުރައްވާ އެއްވެސް ޖަލްސާއެއްގައި އަދި މައުމޫނާ އެކު ވެސް ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑު ޒައީމާ އެއްކޮށް ފެނުމަކީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫން. ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީން ވަކިކޮށްފައިވާ ބައެއް ބޭފުޅުންނާ އެކީގައި މި އިންތިހާބުގެ ތެރޭގައި ފެނުމަކީ އެއީ ޕާޓީގެ ކެންޑިޑޭޓުންގެ ހައްގުގައި އަޅުގަނޑު ކުރިކަމެއް. އެހެންނަމަވެސް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ވަކިކޮށްފައިވާ މީހަކާ އެއްކޮށް ޕާޓީގެ ޒައީމް ބާއްވަވާ ބައްދަލުވުމަކުން ވެސް އަޅުގަނޑު ނުފެންނާނެ." ތަސްމީން ވިދާޅުވި އެވެ.