ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ލީޑާޝިޕް ނޫނީ ޗެއާމަންޝިޕް ލަންކާގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ހަވާލު ކުރުމަށް އެ ގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ނިންމަވައިފި އެވެ.

އެސްއެލްއެފްޕީގެ މަސްދަރަކާ ހަވާލާދީ ކޮލަމްބޯ ގެޒެޓުން މިއަދު ބުނީ ޕާޓީގެ ރައްކާތެރިކަމަށް ޓަކައި ޕާޓީގެ ޗެއާމަންޝިޕް ދޫކޮށްލައްވަން ރާޖަޕަކްސާ ނިންމަވާފައިވާ ކަމަށެވެ.

ކޮލަމްބޯ ގެޒެޓުން ބުނީ ޕާޓީގެ އެއް ބަޔަކު ސިރިސޭނާއާ ބައިއަތު ހިފައި ޕާޓީގެ ޗެއާމަންޝިޕް ސިރިސޭނާއާ ހަވާލު ކުރުމަށް ބޭނުންވާ ކަމަށާއި އެ ހަމަނުޖެހުމުގައި ޕާޓީ ބައިބައިވުމަކީ ޕާޓީ އަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ރާޖަޕަކްސާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ލަންކާގެ އިންތިހާބަށް ފަހު މިދިޔަ ހަފްތާގައި ރާޖަޕްކާސާ ވިދާޅުވީ އެސްއެލްއެފްޕީގެ ލީޑަރަކީ އަދި ވެސް އޭނާ ކަމަށެވެ. ނަމަވެސް މިހާރު ޕާޓީގެ ލީޑާޝިޕް ސިރިސޭނާއާ ހަވާލު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އެސްއެލްއެފްޕީ އިން ސިރިސޭނާ އަށް ތާއީދު ކުރި ފެކްޝަންގެ މީހުން ބޭނުން ވަނީ ރާޖަޕަކްސާ އާއި ކުރީގެ ރައީސް ޗަންދުރިކާ ކުމާރުތުންގާއަކީ ޕާޓީގެ މަދަދުގާރުންގެ ގޮތުގައި ތިބުމަށެވެ.