15 Jan 2015, 13:07
ދިރާސީ އާ އަހަރާ އެކު ރާއްޖޭގެ ސްކޫލުތަކުގައި އަމަލުކުރަން ފަށާފައިވާ ގައުމީ އާ މަންހަޖަށް މީޑިއާތައް އަހުލުވެރިކުރުވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ފަރާތުން ސެމިނާރެއް ބާއްވައިފި އެވެ.
"ގައުމީ މަންހަޖު ތަންފީޒުކުރުމުގައި މީޑިއާގެ ދައުރު"ގެ ނަމުގައި އެންއައިއީގެ ސެމިނާ ކުރާ މާލަމުގައި މިއަދު ހެނދުނުން ފެށި އެ ސެމިނާގައި އެޑިއުކޭޝަން މިނިސްޓްރީ އާއި މާލޭގެ ބައެއް ސްކޫލުތަކުންނާއި މީޑިއާގެ ފަރާތްތަކުންނާއި އަދި ތައުލީމީ ދާއިރާ އާއި ގުޅުންހުރި ބައެއް އެސޯސިއޭޝަން ތަކުން 14 ފަރާތެއް ބައިވެރިވެފައިވެ އެވެ.
އެންއައިއީ ހިންގުވުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު 'ސަން' އަށް ވިދާޅުވީ، އެ ސެމިނާގައި ގައުމީ އާ މަންހަޖާ ގުޅޭގޮތުން ތައާރަފެއް ދިނުމާއި ގައުމީ މަންހަޖަށް އަހުލުވެރިކުރުވުމަށް ކުރެވޭ ކަންތައްތައް މީޑިއާތަކާ ހިއްސާކުރެވޭނެ ކަމަށެވެ. އަދި މީޑިއާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް އެ ސެމިނާގައި މަޝްވަރާކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިރާސީ އާ އަހަރާ އެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 1-3 އަށް ތަންފީޒު ކުރަން ފެށި ގައުމީ އާ މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތާއި ކިޔަވައިދޭ ތަކެއްޗާއި ކިޔަވައިދޭ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.