15 Jan 2015, 13:00
ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އިންތިޚާބުވެވަޑައިގެންނެވި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައާ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ސްރީލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވުނު އެ ބައްދަލުކުރެއްވުމުގައި ލަންކާގެ އިންތިޚާބު އަމާންކަމާ އެކު ބޭއްވި ސުލްޙަވެރިގޮތުގައި ސަރުކާރުގެ ހިންގުން ބަދަލުވެގެން ދިޔަކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ލަންކާގެ އާސަރުކާރަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި ރާއްޖެއާ ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ މެދު އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވާކަމަށް ރައީސް ނަޝީދު އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
ސްރީލަންކާގެ ރައީސް ސިރިސޭނާގެ އަރިހަށް ނަޝީދު ކުރެއްވި ޒިޔާރަތުގައި އެމްޑީޕީގެ ޗެއާޕަރސް އަލީ ވަހީދާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، އެމްޑީޕީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަހްމަދު ނަސީމާއި އޭރުގެ ހެލްތް މިނިސްޓަރު ޑރ. އާމިނަތު ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ރައީސް ނަޝީދު މިއަދު ހަވީރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.