ރެފްރީ ކަމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފީފާ ރެފްރީ މުހައްމަދު ސައީދުއަށް އޭއެފްސީ ސިލްވާ ސްޓާ އެވޯޑު ދެއްވައިފިއެވެ.

އޭއެފްސީ ސިލްވާ ސްޓާ އެވޯޑް ރެފްރީ މުހައްމަދު ސައީދުއާ ހަވާލުކޮށްފައި ވަނީ މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެ އެވޯޑް ސައީދުއަށް ހަވާލުކޮށްދެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެވެ.

މުހައްމަދު ސައީދު އަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރި ފުރަތަމަ އޮފިޝަލެވެ. އޭނާ ވަނީ 2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ އިތުރުން، 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕާއި، 1997 އަދި 1999 ގެ ޔޫތު ވޯލްޑް ކަޕްގައިވެސް ރެފްރީކަން ކޮށްފައެވެ. އަދި އޭގެ އިތުރުން ސައީދު ވަނީ 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އާއި 1993 ވަނަ އަހަރުގެ ސާފް ގޭމްސްގެ އިތުރުން 2000 އަދި 2004 ވަނަ އަހަރުގެ އޭޝައަން ކަޕްގައިވެސް ރެފްރީކަން ކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ފީފާ ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީކަމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލީ ސަލީމް ރިޓަޔާ ކުރުމާ ގުޅިގެން އެފްއޭއެމްގެ ފަރާތުން ވަނީ އޭނާ ކޮށްދެއްވި ޚިދުމަތް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަނދާނީ ލިޔުމެއްވެސް ދެއްވާފައެވެ.

އަލީ ސަލީމަކީ 1995 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީއެއްގެ މަގާމް އަދާ ކޮށްފައިވާ ބޭފުޅެކެވެ. ވޭތުވެދިޔަ 20 އަހަރު އޭނާ ފީފާ ރެފްރީއެއްގެ މަގާމް އަދާކޮށްފައި ވާއިރު، އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ރެފްރީކަމުގެ ދާއިރާއިން ރާއްޖޭގައި ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު މުހައްމަދު ނިޒާމް ވިދާޅުވީ އެ ދެ ބޭފުޅުން ރާއްޖޭގެ ފުޓްބޯޅައަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ "ޒަމާންތަކެއް ވަންދެން ފޮހެނުލާ ހަނދާނެއްގެ ގޮތުގައި" ގެންގުޅެން ޖެހޭނެ ކަމަށެވެ.

ރެފްރީންނަކީ ރާއްޖޭގެ ފުޓްބޯޅަ ކުރި އެރުވުމަށް ވަރަށް މުހިންމު ބައެއް ކަމަށާއި، ރެފްރީންގެ ކަންކަން ރާއްޖޭގައި މިހާރަށް ވުރެ ރަނގަޅު ކޮށްދިނުމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.