ހދ. ނެތްލައިދޫ ސުކޫލަށް ދިމާވެފައިވާ ޓީޗަރުންގެ ދަތި ކަމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިވެލޮޕް އޮފިސަރު ފަތުހުﷲ މުހައްމަދު "ސަން"އަށް ވިދާޅުވީ ސުކޫލުތަކަށް ހަމަޖައްސާފައިވާ ޓީޗަރުން އެންމެ ފަހު ވަގުތު ރާއްޖެ ނައުމާއި އަދި އިސްތިއުފާ ދެއްވުމަށްފަހު އެނބުރި ވަޑައިގަތުމަކީ އާންމުކޮށް ދިމާވާ މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އެ މަސައްކަތް ކުރަމުން އިނގޭތޯ. ހަމައެކަނި ނެތްލައިދޫއެއް ނޫން. އެހެން ސުކޫލުތަކާއި ރަށްރަށަށްވެސް މި މައްސަލަ ދިމާވޭ. އެކަމަކު އިރާދަކުރެއްވިޔާ ވަރަށް އަވަހަށް އެކަމަށް ހައްލެއް ލިބިގެންދާނެ،" ފަތުހުﷲ ވިދާޅުވި އެވެ.

ނެތްލައިދޫގައި މިހާރު ހުރި ބިދޭސީ ޕްރިންސިޕަލާ ދޭތެރޭ ބެލެނެވެރިން ހިތްހަމަ ނުޖެހޭތީ އޭނާގެ ބަދަލުގައި ދިވެހި ޕްރިންސިޕަލަކު ފޮނުވައި ދިނުމަށް ނެތްލައިދޫ ސުކޫލުގެ ބެލެނެވެރިން އަންނަނީ ޑިމާންޑު ކުރަމުން ނެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލުގެ ރައީސް އަބްދުﷲ ފިކުރީ މިއަދު ވިދާޅުވީ، އަންނަ ހޮނހިރު ދުވަހު ޕްރިންސިޕަލް ނެތްލައިދޫއަށް އަންނާނެ ކަމުގެ މައުލޫމާތު މިހާރު ލިިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ބައެއް ޓީޗަރުން ހަމަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިރާސީ އާ އަހަރު ފެށިގެން ދިޔައިރު ނެތްލައިދޫ ސުކޫލުގައި ބައެއް މާއްދާތައް ކިޔަވާދޭ ޓީޗަރުން ހަމައެއް ނޫން. އެހެންނަމަވެސް އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން އެކަން އެހެން އޮތް ނަމަވެސް ސުކޫލުން ދަނީ އެކަން ވަރަށް ރަނގަޅަށް އެޖެސްޓުކޮށްގެން ކުރިއަށް ގެންދަމުން. ސުކޫލު ބުނެފައި ވަނީ އެއްވެސް ގަޑިއެއް ކެންސަލް ނުކޮށް އެ ގަޑިތަކުގައިވެސް ކިޔަވާ ދެމުން އަންނަ ކަމަށް،" ފިކުރީ ވިދާޅުވި އެވެ.

ގްރޭޑް 1- 12 އަށް ކިޔަވައިދޭ ނެއްލައިދޫ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި ދިރާސީ އާ އަހަރަށް އެ ސްކޫލަށް 187 ދަރިވަރުން ވަދެފައިވެ އެވެ.