ޕެރިހަށް ދިން ހަމަލާއާ ގުޅިގެން، ދުނިޔޭގައި އިންޓެލިޖެންސް ހިއްސާ ކުރުމުގައި އެންމެ ކުރިއަރާފައިވާ ވިއުގައިގައި ހިމެނޭ ފަސް ގައުމުގެ ބައްދަލުވުމެއް އަންނަ މަހު ލަންޑަނުގައި ބާންވަން ހަމަޖައްސާފައިވާ ކަމަށް ކެނެޑާއިން ބުނެފި އެވެ.

ކެނެޑާގެ ބަބްލިކް ސޭފްޓީ މިނިސްޓަރު ސްޓީވެން ބްލަނީ ވިދާޅުވީ، "ފައިވް އައިޒް"ގެ ނަމުން މަޝްހޫރުވެފައިވާ، އެމެރިކާ، އޮސްޓްރޭލިޔާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ނިއުޒިލޭންޑް ގުޅިގެން ބާއްވާ ބައްދަލުވުމެއް މި މަހުގެ 22ގައި ލަންޑަންގައި އޮންނާނޭ ކަމަށެވެ.

އަދި ކެނެޑާ ސަރުކާރުގެ އޮފިޝަލަކު ފަހުން ވިދާޅުވީ، ފަސް ގައުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީގައި ކަމަށެވެ.

"އަހަރެމެން 'ފަސް ލޮލުގެ ބައިވެރިން' މަސައްކަތްކުރަމުން މިގެންދަނީ ލަންޑަނުގައި ބައްދަލުކުރަން. ސީރިއަސް ކަންތައްތަކަކާ ގުޅޭ ބައްދަލުވުމެއް. ޓެރަރިޒަމްގެ ވާހަކަތައް ހިމެނޭނެ އެ ބައްދަލުވުމުގެ އެޖެންޑާގައި،" ސީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބްލެނީ ވިދާޅުވި އެވެ.

ޕެރިހުގައި 17 މީހުން މަރާލި ހާދިސާއާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ މީހުންގެ ދަތުރުފަތުރާ ގުޅުންހުރި މައުލޫމާތުތައް އެމެރިކާގެ އިންޓެލިޖެންސުން ފްރާންސާ ހިއްސާ ކޮށްފައިވާ ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވެފައިވެ އެވެ.

ލަންޑަނުގެ ބައްދަލުވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ހިއްސާ ނުކުރެއްވި ނަމަވެސް، ބްލެނީ ވިދާޅުވީ، އެ ބައްދަލުވުމުގައި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ޖޭ ޖޯންސަން ބައިވެރިވެވަޑައި ގަންނަވާނެ ކަމަށެވެ.

ބްލެނީ ފާހަގަކުރެއްވި ގޮތުގައި ލަންޑަން އިވެންޓަކީ ޕެރިސް ހަމަލާގެ ކުރިން ވެސް ބޭއްވުމަށް ޝެޑިއުލް ކުރެވިފައިވާ ބައްދަލުވުމެކެވެ.

"އެކިއެކި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޝަވަރާކުރުމަށް ދަ 'ފައިވް އައިސް' އަބަދަލުވެސް ބައްދަލުވުންތައް ބާއްވާ،" އޭނާ ވިދާޅުވި އެވެ.

ނަން ހާމަކުރުމަށް ނޭދޭ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ފަސް ލޮލުގެ މި ބައްދަލުވުމުގެ އެޖެންޑާގެ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޮތީ ޓެރަރިޒަމާ ދެކޮޅަށް ކުރެވިދާނޭ ކަންތައްތަކާ ގުޅޭ މަޝްވަރާތަކެވެ. އެއަށް ވުރެ އިތުރު މައުލޫމާތެއް ނުދެއްވައެވެ.

މި ފަސް ގައުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަތާކްތަކަށް ފާރަލައި، އެކި ފަރާތްތަކުގެ މުއާސަލާތީ ކަންކަން ވަގަށް މޮނިޓަރކޮށް އެ މައުލޫމާތުތައް ގްރޫޕްތެރޭގައި ހިއްސާ ކުރާ ވިއުގައެކެވެ. (އަލް އަރަބިއްޔާ)