15 Jan 2015, 12:14
ފްރާންސުގެ ނޫސް "ޗާލީ ހެބްޑޫ" ނޫހަށް ދިން ހަމަލާ އަށް ފަހު މުޅި ދުނިޔެ އެކަތިގަނޑަކަށްވެ، އެކަން ކުށްވެރިކުރި އެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ގޮވާލައި އަޑުއުފުލި އެވެ. ނަމަވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނީ މިނިވަންކަމަށް ގޮވާލައި 1.5 މިލިއަން މީހުން ބައިވެރިވި ހިނގާލުން ނިންމާލިތާ 48 ގަޑި އިރު ވެސް ނުވަނީސް ފްރެންޗު ޕޮލިޓިކަލް ކޮމޭޑިއަން، ޑަޔަޑޮން މަބަލާ މަބަލާ ހައްޔަރުކުރުމުންނެވެ.
އޭނާގެ ފޭސްބްކް އެކައުންޓްގައި އޭނާ ބުނީ، ޗާލީ ހެބްޑޫ އަށް ހަމަލާދިން މީހަކާ ދޭތެރޭ އޭނާ ހަމްދަރުދީވާ ކަމަށެވެ.
ފްރާންސުގެ ހޭޓް ސްޕީޗު ގާނޫނާ ހިލާފުވެގެން ޑަޔަޑޮން ކުރިން ވެސް 38 ފަހަރަކު ހައްޔަރުކޮށްފައިވެ އެވެ.
އޭނާ ބުނަމުން އަންނަނީ ފޮރުވިގެން ތިބެ ފްރާންސު ހިންގަނީ ޔަހޫދީން ކަމަށާއި މުޅި ދުނިޔޭގައި ވެސް ހުރިހާ ވެސް މައްސަލައަކީ ޔަހޫދިން ކަމަށެވެ.
ޑަޔަޑޮން ބުނީ ފްރާންސް ސަރުކާރުން އުޅެނީ އޭނާގެ ދިރިއުޅުމަށް ޖެއްސުން ކުރަން ކަށާއި އޭނާ އެފަދަ ކޮމެންޓްތައް ކުރަނީ މީހުން ހެއްވަން ކަމަށެވެ.
ހޭޓް ސުޕީޗުގެ ދަށުން ފްރާންސުގައި ކޮމޭޑިއަން ހައްޔަރު ކުރި އިރު ރަސޫލާ އަށް ކާޓޫނު ކުރަހައި ފުރައްސާރަ ކުރުމަކީ ހޭޓް ސުޕީޗަކަށް ނުވެ އެވެ.
ޑަޔަޑޮންގެ މައްޗަށް ފްރެންޗުގެ ޕްރޮސިކިއުޓަރުން ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ހަތް އަހަރަށް ޖަލަށް ލައި 100،000 ޕައުންޑުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.
ޗާލީ ހެބްޑޫ ހަމަލާ އަށް ފަހު ފްރާންސްގައި މިހާތަނަށް ވަނީ 54 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ވެސް ކޮށްފަ އެވެ.
މައުލޫމާތު: ނޫސްތައް