އިސްރާއީލުގައި 2001 ވަނަ އަހަރުގެ ޖެނުއަރީ މަހާއި 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ފަހަތުގައި ފަލަސްތީނުގެ "ޕެލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން" (ޕީއެލްއޯ) އާއި ޕަލެސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ އަތެއް ވޭތޯ ބެލުމަށް އެމެރިކާ އިން މިދިޔަ އަންގާރަ ދުވަހު ޝަރީއަތް ކުރަން ފަށާފައިވާ ކަމަށް އަލް އަރަބިއްޔާ ނިއުސް ޗެނަލުން ބުނެފި އެވެ.

ގުދުސްގެ ސަރަހައްދު ތަކުގައި ދިން ބަޑީގެ ހަތް ހަމަލާއަކާއި ބޮމުގެ ހަމަލާތަކުގައި 33 މީހަކު މަރުވެ، 450 އަށްވުރެ ގިނަ މީހުން މަރުވި އެ ހާދިސާ ތަކުގައި އެމެރިކާގެ ރައްޔިތުންތަކެއް ވެސް ވަނީ މަރުވެފަ އެވެ.

އެ ހާދިސާގެ ޝިކާރައަކަށްވީ އާއިލާތަކަށް، ކުށްވެރިވާ ފަރާތްތަކުން ބަދަލުގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދޭން ޖޭހެތޯ ކަނޑައެޅުމަށް އެމެރިކާއިން، ފިރިހެން ހަ ފަނޑިޔާރުންނާއި އަންހެން ހަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޕެނަލެއް ކަނޑައަޅާފައި ކަމަށް، އެ މައްސަލައިގައި ދައުވާކުރާ ފަރާތުން ވަކާލާތުކުރާ ލޯޔަރު، ޔަލޮވިޒް ވިދާޅުވި އެވެ.

ދިފާއީ ވަކީލު މާކް ރޮޗާން ވިދާޅުވީ، 100،000އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ސަރުކާރަކުން، ހަމާސް ނުވަ އަލް-އަގްސާ މާޓީސް ބްރިގޭޑްސްއިން ނުވަތަ އެފަދަ ޖަމާއަތުގެ ބައެއްގެ ގޮތުގައި ހަރަކާތްތެރިވާ މަދު ބަޔަކު ކުރި ކުށެއްގެ ޒިންމާ ނަގަން ޖެހޭ ގޮތަށް ފަޑިޔާރުންގެ ޕެނަލުން ނިންމައިގެން ނުވާނެ ކަމަށެވެ.

ހަމާސް އާއި އަލް-އަގްސާ މާޓީސް ބްރިގޭޑްސް މި ދެ ޖަމާއަތަކީ ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި އެމެރިކާއިން ހިމަނާފައިވާ ދެ ޖަމާއަތެވެ.

އެމެރިކާގެ މެންހަޓަން ޑިސްޓްރިކްޓް ފަނޑިޔާރު ޖޯޖް ޑެނިއެލްސްގެ ކުރިފުޅުމަތީގައި ކުރިއަށް ގެންދާ އެ ޝަރީއަތް 12 ވަރަކަށް ހަފްތާއަށް ދެމިގެން ދާނޭ ކަމަށް ރޮއިޓާޒްއިން ބުނެއެވެ.