15 Jan 2015, 12:10
ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ، ފަލަސްތީނުގެ ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް އަވަސް ނުކުރެވިއްޖެނަމަ އެތަނަކީ ހަރުކަށި މީހުން އުފަންވާ ހާއްޔަކަށް ވެދާނެ ކަމަށް ހަމާސްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
"ދުނިޔެއަށް އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ، ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފަސްޖެހި، އަދި އެ ސިޓީއަށް ވަދެނުކުމެ އުޅުމަށް ހުރަސްއަޅައި ހެދުމުގެ ސަބަބުން ޓެރަރިޒަމާއި ހައްދު ފަހަނަޅައިދިއުން އެތަނުން ފެތުރިގެން ހިނގައިދާނޭ ކަމުގެ ބިރު އެބަ އޮތްކަން،" އިސްލާމިސްޓް މޫވްމަންޓްސް އޮފް ހަމާސްގެ ޕާލިމެންޓް މެންބަރުންނާ އެކު ޣައްޒާގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ޚަލީލް އަލް-ހާޔާ ވިދާޅުވި ކަމަށް ޢަރަބިއްޔާގައި ވެއެވެ.
"އަޅުގަނޑުމެން ދުރާލައި މީގެ ބިރުވެރިކަމުގް އިންޒާރު ދެން،" އިތުރު ތަފްސީލަކަށް ނުގޮސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލާ ހަމާސްއާ ދެމެދު މިދިޔަ އަހަރުގެ ޖުލައި-އޯގަސްޓްގައި ޣައްޒާގައި ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 2200 ވަރަކަށް ރައްޔިތުން ޝަހީދުވެފައިވާއިރު، ޣައްޒާގެ އެތަކެއް ހާސް ގެދޮރު ފަނާވެ، 100،000 އަށްވުރެ ގިނަ ރައްޔިތުން ވަނީ މަގުމަތިވެފަ އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގި ރަހުމުކުޑަ އުދުވާން ނިމުނުތާ ހަތަރުވަރަކަށް މަސްފަހުން، ޣައްޒާ އާރާސްތުކުރުމުގެ މައްސަކަތް ބޮޑެތި ގޮންޖެހުންތަކަކާއެކު ފަށާފައި ވާއިރު، ތަޖުރިބާކާރު ވިދާޅުވަނީ، އިސްރާއީލުން އަށް އަހަރު ވަންދެން ޣައްޒާ ބަންދުކޮށްގެން އަޅަފައިވާ ފިޔަވަޅުތައް ލުއިކުރި ނަމަވެސް ޣައްޒާ އަލުން ބިނާ ކުރުމަށް އަހަރު ތަކެއް ނަގާނޭ ކަމަށެވެ.
ހަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާއަށް އެތެރެ ވެވެން އޮންނަ ތިން ހަތަރު މަގު އިސްރާއީލުގެ ބެލުމުގެ ދަށުގައި ވާއިރު، ހަނގުރާމަވެރީން ނާޖާއިޒު ފައިދާއެއް ނަގައިފާނެ ކަމަށް ބިރުން، ޣައްޒާއަށް އިމާރާތްކުރުމުގެ ސާމާނު އެތެރެ ކުރުމުގައި ވެސް އިސްރާއީލުން ފިއްތުންތައް ކުރިމަތިކުރަމުން ގެންދެ އެވެ.
ހިޔާލު ފާޅުކުރުމާއި ފިކުރުގެ ތަފާތުތައް މީހުން މަރައިގެން ހައްލު ނުކުރެވޭނެ ކަމަށް ބުނެ، ހަމާސްއިން ވަނީ، ފްރާންސްގެ ޗާލީ ހެބްޑޫއަށް ބަޔަކު ދިން ހަމަލާއެއްގައި 12 މީހަކު މަރުވި ހާދިސާއާ ގުޅިގެން އެކަން ކުށްވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން އެއްވެ ފްރާންސްގައި ބޭއްވި އަތުގުޅާލުމުގައި ބައިވެރިވެފައެވެ.