15 Jan 2015, 12:04
ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލާފައި ހުރި އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ ރޭ މެންދަމު 3:30 އެހައިކަންހާއިރު މަރުވެފައި ވަނީ ޅ. ނައިފަރު ނިވައިދޮށުގޭ މުހައްމަދު އިބްރާހީމް ކަމަށެވެ.
މަރުވި އިރު އުމުރުން 85 އަހަރުގެ މުހައްމަދު އިބްރާހީމް 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ހުކުމް ތަންފީޒު ކުރަމުން އައީ މާލޭޖަލުގައެވެ.
މުހައްމަދު އިބްރާހީމަށް ނޭވާލުމަށް އުދަގޫވެގެން އުޅުމުން ރޭ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އަދި ޑޮކްޓަރު ބައްލެވުމަށްފަހު އޭނާ މަރުވެފައިވާ ކަމަށް އެންގި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.