ށ. އަތޮޅު ބިލެއްފަހީގައި އިއްޔެ އިންތިހާބު ކުރިއަށް ދިޔައިރު އެ ރަށުގެ ބަޔަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ އަކަށް ޖަބާބު ނުދިން ކަމަށް ބުނެ، އެ ރަށުގެ ބަޔަކު ނުކުމެ ވޯޓް ފޮށި މާލެ ގެނަޔަ ނުދީ ހިފަހައްޓައިފި އެވެ.

ބިލެއްފަހިން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ އިންތިހާބުގައި ޑީއާރުޕީގެ ބަޔަކު، ހިންގި އަމަލްތަކާ ގުޅިގެން އެ ރަށު ބަޔަކު އިލެކްޝަންސް ކޮމިޝަންގެ ކޮންޕްލެއިންސް ބިއުރޯއަށް ހުށަހެޅި ޝަކުވާއެއްގެ ޖަވާބު ނުދިން ކަމަށް ބުނެ، އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ނުކުމެ ވޯޓް ފޮށި މާލެ ނުފޮނުވައި ހިފަހައްޓާފައިވާ ކަމަށެވެ.

"ރަށު ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އިއުލާން ކުރިއިރު، އެ ނަންތައް އޮޅުވާލައިގެން ހަމައެކަނި ޑީއާރުޕީގެ ކެންޑިޑޭޓުންގެ ނަންތައް ގޭގެއަށް ބެހި މައްސަލައެއް އެމްޑީޕީގެ ބަޔަކު އިލެކްޝަނަށް ހުށަހަޅާފައި ވަނީ. އެ މީހުން ބުނަނީ އެމްޑީޕީގެ ކެންޑިޑޭޓުން ނޮހޮވުނީ އެ ސަބަބާ ހުރެ ކަމަށް. ދެން އެ މައްސަލާގައި ޖަބާބެއް ނުދޭހާ ހިނދެއްގައި ވޯޓް ފޮށި ރަށުން ބޭރަށް ނުނެރެވޭނެ ކަމަށް ވަނީ." ބިލަތްފަހީ މީހަކު ބުންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނަރަލް މުހައްމަދު ތޮލާލް ވިދާޅުވީ އެ މައްސަލަ ހުށަހެޅާފައިވާ ކަމަށާއި އެ މައްސަލަ އަށް ޖަބާބު ދޭނީ ފަހުން ކަމަށެވެ. އަދި އެއީ މުޅިން ތަފާތު ދެ މައްސަލަ ކަމަށާއި ވޯޓް ފޮށި ގެންދިއުމަށް ހުރަސް އަޅާ މީހުންނާ ދޭތެރޭ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް ތޮލާލު ވިދާޅުވި އެވެ.

ބިލެއްފަހީގެ ވޯޓް ފޮށި މާލެ ފުނުވުމަށް ބަޔަކު އިންކާރު ކުރުމާ ގުޅިގެން މިހާރު އެ ރަށަށް ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ގޮސްފައިވާ ކަމަށް ސަން އަށް މައުލޫމާތު ލިބިފައި އެވެ.
ބިލަތްފަހީގެ ރަށު ކައުންސިލް ކާމިޔުބުކޮށްފައި ވަނީ ޑީއާރުޕީގެ ތިން ކެންޑިޑޭޓުންނާއި އަދާލަތުގެ ދެ ކެންޑިޑޭޓެކެވެ. އެމްޑީޕީ އަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވެ އެވެ.