15 Jan 2015, 11:35
ޤަރުނުގެ ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮގެ ހަނދާނުގައި ސަން އެފްއެމުން ނެރެމުން އަންނަ "ވާ ހަނދާނަކުން" ސިލްސިލާގެ ތިން ވަނަ އަލްބަމްގެ އޯޑިއޯ ސީޑީ މިއަދު ބާޒާރަށް ނެރެފި އެވެ.
"ވާހަނދާނަކުން" އަކީ ނައިފަރު ދޮހޮއްކޮގެ ހަނދާންތައް ދިރުވައި އާލާ ކުރުމުގެ ގޮތުން ސަންއެފްއެމުން ނެރޭ ލަވަ ސީޑީ އެކެވެ. މި ސީޑީގައި ހިމެނޭނީ މިހާރުގެ ލަވަކިޔުންތެރިން މިހާރުގެ މިޔުޒިކަށް ކިޔައިފައިވާ އިހުގެ ރީތި ދިވެހި ލަވަ ތަކެވެ.
"ވާހަނދާނަކުން 3" މިއަދު ބާޒާރަށް ނެރެފައިވާ އިރު މި އަލްބަމުގައި ހިމެނޭ ލަވަތަކަކީ، "އާ ކުއްޖެކޭ" އާއި "ބުމަޔާ ލޮލާ" އާއި "ދެހިތުގެ ލޯބި ގަތާ" އާއި "ފަޒާއޭ ދިއްލެނީ" އާއި "ގުލާބީމާފުޅު" އާއި "އިންދިރާސް" އާއި "ކީފަހު މަށަށް ރަން" އާއި "ނުފޭހޭ މާފުލިބުމެއް" އާއި "ރޭރޭ ދިވާނާ" އަދި "ރީތި ނަލަނަލަ ހަނދެއް" ހިމެނެ އެވެ.
މި އަލްބަމަށް ލަވަތައް ކިޔައިދީފައި ވަނީ، ކުޑަ އިއްބެ، ލަމްހާ (ލަމް)، ޖަލާލް، އަޝްރާ، އައްމަޑޭ، ރާފިޔަތު، ޔާފިއު، އަޝްފާ، ތޭރަވާ، ޔާމީން، މާއިން، ނައްފާން، ސަމާ، ޝަބީން އަދި މީރާ އެވެ. "ވާހަނދާނަކުން" ސީރީސް ގެ ތީމް ލަވަ، "ވާ ހަނދާނަކުން ރޮވެނީ" މި އަލްބަމުގައި ވެސް ހިމެނޭނީ ކުރީގެ ދެ އަލްބަމެކޭ އެއްފަދައިން މި ހުރިހާ ލަވަކިޔުންތެރިންގެ އަޑުންނެވެ.
"ވާހަނދާނަކުން 3" ގެ މިޔުޒިކް ޕްރޮޑިއުސް ކޮށްފައިވަނީ އަބްދުﷲ ޒިފާން ޒާހިދު (ޑިފީ)، ސަން ސިޔާމް ސްޓޫޑިއޯ އެންޑް ރެކޯޑްސް އެވެ.
މި އަލްބަމް މިއަދުން ފެށިގެން ފިހާރަތަކުން ގަންނާން ލިބޭ އިރު، އަގެއްގެ ގޮތުގައި ސަން އެފްއެމްއިން ހަމަޖައްސައިފައިވަނީ ވާ ހަނދާނަކުން 1، އަދި 2 ވެސް ވިއްކި އަގު ކަމަށްވާ 100ރ. އަށް ސީޑީ އެކެވެ. މި އަލްބަމް ހޯލްސޭލް ކޮށް ލިބޭނީ ސަން އެފްއެމް އިންނެވެ.
ވާހަނދާނަކުން 1 އަދި 2 ވެގެން ގޮސްފައި ވަނީ ދިވެހީންގެ މެދުގައި ވަރަށް ވެސް މަގުބޫލު ދެ އަލްބަމަށެވެ. މިއަދު މި ނެރުނު "ވާހަނދާނަކުން 3" ގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.