15 Jan 2015, 11:33
ސަރުކާރުގެ ހައުސިން ޕްރޮޖެކްޓުގެ ދަށުން ޓީވީ ކޮށީގައި އިމާރާތްކުރާ ފްލެޓު ތަކުގެ ތެރެއިން ފޯޕާލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ނުވަ ފްލޯ ހިމެނޭ ފްލެޓު ބަރީގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފޯޕާލްސްގެ ޕްރޮޖެކްޓު މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ އިމާރާތުގައި ކަރަންޓު ވައިރު ކުރުމުގެ މަސައްކަތް ކަމަށެވެ.
"މިހާރު ކަރަންޓު މަސައްކަތް ކުރިއަށްދަނީ. ޖުލައިމަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވޭނެ،" ސައީދު ވިދާޅުވިއެވެ.
ފޯޕާލްސް އިން ބުނިގޮތުގައި ފްލެޓު އިމާރާތުގެ 85 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ފްލެޓުގެ މަސައްކަތް ނިންމަން ސަރުކާރާއެކު އެއްބަސްވެފައިވާ ތާރީޚަށް ނިންމިފައިނުވަނީ ކީއްވެގެންތޯ ދެންނެވުމުން ސައީދު ވިދާޅުވީ އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ސަރުކާރާއެކު ފޯޕާލްސް އިން ވެފައިވާ އެއްބަސްވުމުގައިވާގޮތުން 70 ޕަސެންޓް ފްލެޓު ލިބެނީ އެކުންފުންޏަށެވެ. އަދި 30 ޕަސެންޓް ފްލެޓު ލިބެނީ ސަރުކާރަށެވެ.
ޓީވީ ކޮށީގައި ފްލެޓު އިމާރާތް ކުރުމަށް ދެން ހަވާލު ކުރީ އެފްޑަބްލިއު ކޮންސްޓްރަކްޝަނާ އެވެ. ނުވަ ފްލޯ ހިމެނޭ ދެ ފްލެޓު ބަރީގެ މަސައްކަތް އެކުންފުނިން މިހާރު ވަނީ ނިންމާފައެވެ. އެކުންފުނިން ބުނިގޮތުގައި ކަނޑައެޅިފައިވާ ތާރީޚަށްވުރެ ލަހުން މަސައްކަތް ނިމުނީ ފައިނޭންސްކަންތައް ހަމަޖެހުން ލަސްވެގެންނެވެ.