ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެލްޖީއޭގެ ބޯޑުގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިނެތުމުން ކަމަށް ބުނެ ޖަލްސާ "ހޫނު"ވެ ޖަލްސާ ނިންމާލައިފި އެވެ.

އެލްޖީއޭގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އެލްޖީއޭގެ ބޯޑު މީޓިންގެ މިއަދުގެ ޖަލްސާ އަށް ނާޒިމުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާކޮށްފައިނުވާ ކަމަށެވެ. އަދި އެމައްސަލަ އެޖެންޑާކޮށްފައިނެތުމުން މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެބައްދަލުވުން ނިންމާލާފައިވާ ކަމަށެވެ.

"ބައްދަލުވުން ނިންމާލާފައިވާ އިރު ދެން ކުރިއަށް އޮތް ބައްދަލުވުމެއް ބާއްވާނީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން" އެލްޖީއޭގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެލްޖީއޭ ބޯޑުގައި އިންނަ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު މިއަދު ސަން އަށް ވިދާޅުވި ގޮތައި ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިން އެބޯޑުގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވީ ނަމަވެސް ފަހުން އެ އައިޓަމް އުނިކޮށްފައިވާ ކަމަށެވެ. އަދި މިއަދު އިތުބާރުނެތް ކަމުގެ ވޯޓް ނެގުމަށް މަސައްކަތް ކުރުމުން އެޖަލްސާ ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަސް މެމްބަރުން އަދިވެސް މިތިބީ މިއަދުގެ ބައްދަލުވުް ކުރިއަށް ގެންދިއުމަށް، ނަމަވެސް ނާޒިމް ބައްދަލުވުން ނިމުނީ ކަމަށް ބުނެ ވަޑައިގަތީ،" ސަމާއު ވިދާޅުވި އެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ ވޯޓުނެގުމަށް ނިންމި ދުވަހު ވެސް ވަނީ އެލްޖީއޭ ބޯޑުމެމްބަރުންގެ ބައްދަލުވުމުގެ އެޖެންޑާ އިން ބޭރުކޮށްލާފަ އެވެ.

އެލްޖީއޭގެ ރައީސް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ބުނެ އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހެޅުއްވީ ބޯޑް މެންބަރު ޝުޖާއު ހުސެން އެވެ.