15 Jan 2015, 11:19
އެމްޓީސީސީގައި ވަޒީފާ އަދާކުރާ 50 ޕަސެންޓް މުވައްޒަފުންނަކީ ބިދޭސީން ކަމަށާއި ވަޒީފާ އަށް ދިވެހި ޒުވާނުން ބޭނުންވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީ އިން މިއަހަރަށް ރާވާފައި ހުރި ކަންތައްތަކާ ބެހޭ ގޮތުން ސަން ޓީވީގެ "ފަންސާސް މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބަދުއް ރައްޒާގު ހަލީމް ވިދާޅުވީ އެމްޓީސީސީގައި ވަޒީފާ އަދާކުރާ 50 ޕަސެންޓް މުވައްޒަފުންނަކީ ބިދޭސީން ކަމަށާއި އެހެން ދިމާވަނީ ވަޒީފާއަށް ދިވެހިން ނުލިބޭތީ ކަމަށެވެ. ރައްޒާގު ވިދާޅުވީ އެމްޓީސީސީގައި ގިނަ ވަޒީފާތަކަކީ ހުނަރުވެރި މީހުން ބޭނުންވާ ވަޒީފާތައް ކަމަށާއި ހުނަރުވެރި ދާއިރާތަކުން ދިވެހި ޒުވާނުން ވަޒީފާ އަދާކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އެމްޓީސީސީން ފޯރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެސްކަލޭޓާ އޮޕަރޭޓަރުންނަކީ ފުދޭވަރެއްގެ ރަނގަޅު މުސާރައެއް ވެސް ލިބޭ ފަރާތްތަކެއް، އޭގެ އިތުރުން ވެލްޑަރުންނާއި އިންޖިނިއަރުންނާއި އިލެކްޓްރިޝަނުންގެ ގޮތުގައި ދިވެހިން ނުލިބޭތީ ބޭރުން މީހުން ގެންނަން ޖެހެނީ، ދިވެހި ޒުވާނުން މި ދާއިރާތަކުން ޓްރެއިންވެގެން އެމްޓީސީސީގައި މަސައްކަތް ކުރަން ބޭނުންވާ ނަމަ އެފުރުސަތު ހަމަ ލިބޭނެ،" ރައްޒާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސީ މުވައްޒަފުން ގިނަކުރަން ބޭނުން ނުވާކަމަށާއި އެމްޓީސީސީގެ މަގުސަދަކީ ދިވެހި ޒުވާނުންނަށް ވީހާ ވެސް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށެވެ. އަދި ޒުވާނުން މަސައްކަތްކުރުމަށް އެމްޓީސީސީއަކީ ވަރަށް ރަނގަޅު ކުންފުންޏެއްކަން ރައްޒާގު ފާހަގަކުރެއްވި އެވެ.
އެމްޓީސީސީއަކީ ދިވެހިންނަށް އިސްކަންދޭ، ދިވެހިން މަސައްކަތްކުރާ ހިތްވާ ކުންފުންޏެއްކަން ފާހަގަކުރައްވާ ރައްޒާގު ވިދާޅުވީ، 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ދިވެހި މުވައްޒަފުން މިހާރު ވެސް އެކުންފުނީގައި ތިބިކަމަށެވެ.