މިދިޔަ ސީޒަންގައި ސްވޮންސީ ސިޓީއަށް ކުޅެމުން އައި ސްޓްރައިކަރު ވިލްފްރެޑް ބޮނީ މެންޗެސްޓާ ސިޓީއަށް ސޮއި ކޮށްފި އެވެ.

ބޮނީ ސިޓީއަށް ސޮއިކުރުމުގައި ސިޓީ އާއި ސްވޮންސީ އެއްބަސްވުމަކަށް އައިސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގަ އެވެ. ސިޓީން ބުނި ގޮތުގައި އޭނާ އެ ކްލަބަށް ސޮއިކޮށްފައި ވަނީ ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް، 25 މިލިއަން ޕައުންޑަށެވެ. އަދި އޭނާ ކުޅެމުން އަންނާނީ އެ ޓީމްގެ 14 ނަންބަރު ޖާޒީ އަށް ކަމަށް ވެސް އެ ކްލަބުން މައުލޫމާތު ދެ އެވެ.

ސިޓީއަށް ސޮއި ކުރުމަށް ފަހު ބޮނީ ބުނީ ސިޓީއަށް ކުޅެދިނުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް އޭނާ ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ ސްވޮންސީގައި އޭނާ ހޭދަކުރި ދުވަސްތައް ހަނދާން ނުނެތޭނެ ކަމަށް ބުނެ، އެ ކްލަބަށް ޝުކުރު އަދާ ކޮށްފަ އެވެ.

"ދުނިޔޭގެ ބޮޑު ކްލަބަކަށް ކުޅުމުގެ ޗާންސަކީ އަހަރެންގެ ކެރިއާގައި އަހަންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް. އަހަރެން އެކަމާމެދު ވަރަށް ފަހުރު ވެރި ވަން. މިއީ އަހަންނަށް ނިންމުނު ވަރަށް ރަނގަޅު ނިންމުމެއް. ސިޓީ އަކީ ޗެންޕިއަންސް ލީގުގައި ވެސް ކުޅެމުން އަންނަ ކްލަބެއް. އެއީ އެ ކްލަބުގައި އަހަރެންނަށް ދެއްކުނު އެންމެ ރަނގަޅު ކުޅުން ދައްކަން އަހަންނަށް ލިބިގެން ދާނެ ބާރެއް. ނަމަވެސް ސްވޮންސީ މަތިން ހަނދާނެއް ނުނެތޭނެ. އެ ކްލަބުގެ އޮފިޝަލުންނާއި ސަޕޯޓަރުންގެ އިތުރުން ކުޅުންތެރިން ވެސް އަހަންނާ މެދު ކަންތައް ކުރީ ވަރަށް ހެޔޮކޮށް. އެކަމަށް އަހަރެން އެ ކްލަބަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުން،" ބޮނީ ބުންޏެވެ.

ބޮނީއާ ބެހޭ ގޮތުން ސިޓީގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނީ އޭނާއަކީ ވަރަށް ހުނަރު ހުރި ކުޅުންތެރިއެއް ކަމަށާއި އެނާ އިންގްލޭންޑަށް ބަދަލުވި ފަހުން އޭނާގެ ގޯލް ރިކޯޑް ވަރަށް ރަނގަޅު ކަމަށެވެ. އަދި އެނާ ސިޓީގެ ކުޅުމަށް ހޭނެން މާ ގިނަ ދުވަސް ތަކެއް ނުނަގާނެ ކަމަށްވެސް ޕެލެގްރިނީ ބުންޏެވެ.

"ބޮނީ އަކީ ވަރަށް ވިސްނުންތެރި، ހުނަރުވެރި ކުޅުންތެރިއެއް. ސިޓީގެ ގޭމަށް އޭނާ ވަރަށް ފަސޭހައިން ހޭނުނު. އަދި މި ކްލަބަށް ހޭނެން އޭނާ މާ ގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް ލަފައެއް ނުކުރެވޭ. ބޮނީއާ އެކު މިހާރު މި ކްލަބުގައި އެންމެ މަތީ ފަންތީގެ ހަތަރު ސްޓްރައިކަރުން ތިބޭނެ. އެ ކުޅުންތެރިން ދަނޑުމަތީ އެކުގައި މަސައްކަތް ކުރާތަން ދެކެން އަހަރެން ބޭނުން،" ޕްލެގްރިނީ ބުންޏެވެ.

އުމުރުން 26 އަހަރު ވެފައިވާ ބޮނީ ސްވޮންސީ އަށް ބަދަލުވެފައި ވަނީ 2013 ވަނަ އަހަރު ހޮލެންޑުގެ ކްލަބެއް ކަމަށްވާ ވިޓެސޭ އާންހެމް އިންނެވެ. އަދި ސްވޮންސީއަށް ބަދަލުވުމަށް ފަހު 2014 ވަނަ އަހަރު ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމް ހޯދި ބޮނީ ވަނީ އެ ސީޒަންގައި 20 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ދުވަހު އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށްވެސް ކުޅެދީފައިވާ ބޮނީ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 32 މެޗުގައި 11 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސްވޮންސީގެ ރިކޯޑް ފީ އަކަށް ސިޓީއަށް ބަދަލުވި ބޮނީ އަކީ މިހާރު އިންގްލޭނޑުގައި ކުޅޭ އެފްރިކާ ކުޅުންތެރިންގެ ތެރެއިން އެންމެ އަގު ބޮޑު އެއް ކުޅުންތެރިޔާ އެވެ.