15 Jan 2015, 10:35
އެސްޓީއޯގެ ޑިރެކްޓަރުުންގެ ބޯޑުގައި ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން ތަމްސީލު ކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.
އެސްޓީއޯ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުން ފެށިގެން އަަންނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުުންގެ ބޯޑުގައި ޕަބްލިކް ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި އެ މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކުން ވިޔަފާރިއާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން އެއީ އެ ކުންފުނީގެ އެދުމެއް ކަމަށެވެ.
ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބަނގުރޫޓްވެފައި ނުވަތަ ދަރަނިވެރިވެފައި ނުވަތަ ގާނޫނާ ޚިލާފުވެފައި ނުވަތަ އެފަދަ އެއްވެސް ދަޢުވާއެއް ރައްދުވާ ފަރާތަކަށް އެސްޓީއޯގެ ބޯޑު މެންބަރު ކަމަށް ކުރިމަތި ނުލެވޭނެ ކަމަށް އެ ކުންފުނިން މިއަދު ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި އެ މަގާމަށް އެދި ކުރިމަތިލާ ފަރާތްތަކުން، އުމުރުން 18 އަހަރު ވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމާއި ކުންފުނީގެ ވިޔަފާރިއާއި ސްޓޮކް މާކެޓް އަދި ކުންފުންޏާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެސްޓީއޯގައި ނުވަތަ އެސްޓީއޯގެ ސަބްސިޑިއަރީއެއް ނުވަތަ ޖޮއިންޓް ވެންޗަރއެއް ނުވަތަ އެސޯސިއޭޓް ކުންފުންޏެއްގައި ފާއިތުވެ ދިޔަ އަހަރު ވަޒީފާ އަދާކޮށް ނުވަތަ މިހާރުވެސް ވަޒީފާ އަދާކުރަމުންދާ ފަރާތަަކަށް ބޯޑު މެންބަރުކަމަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުން ފެށޭ މަހު 3 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ މައި އޮފީހަށް އަންގަން ޖެހޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެސްޓީއޯގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޕަބްލިކް ހިއްސާދާރުންގެ ގޮތުގައި ތަމްސީލުކުރަނީ އެއް މެންބަރެވެ. އަދި ސަރުކާރުގެ ފަރާތުން ހަ މެންބަރުންނެވެ.