ރާއްޖޭގައި ވައްކަމުގެ ތުހުމަތުގައި ނުވަތަ އެފަދަ އެހެން ޖަރީމާއެއް ހިންގައިގެން މީހަކު ހައްޔަރުކޮށްފިއޭ ބުނާއަޑު ނީވޭ ދުވަހެއް މަދުވާނެ އެވެ. މީސްމީހުންގެ ގެދޮރަށް ވަދެ ވައްކަން ކުރުމާއި ފިހާރަ ފަދަ ތަންތަނުން ވައްކަން ކުރުމާއި ހިނގާފައިދާ މީހުން އަތުން ފައިސާ އާއި މުދާ ފެރުމެވެ. މަގުމަތީގައި ބަހައްޓާފައި ހުންނަ މީހުންގެ އަގުބޮޑު މުދާ ވަގަށްނެގުމެވެ. ނަމަވެސް މިހާރު މިވަނީ އެއަށް ވުރެ މާ ނުރައްކާތެރި އުކުޅެއްގެ ދަށުން ވައްކަމާއި ފޭރުން އާންމުވެފަ އެވެ. ތިމާއަށް އެނގިހުރެ، ނަމަވެސް އޮޅުވާލުމުގެ ތެރެއިން ފައިސާ ފޭރުން އާންމުވެފަ އެވެ.

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނާގެ ދިރިއުޅުމުގެ ބޮޑުބައެއް "ސިމްޕަލް" ވެފައިވާ އިރު އޭގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަން ފަށައިފި އެވެ. ޒަމާނީ ޓްކްނޮލޮޖީގެ އެހީގައި ފައިސާގެ މަޅީގައި މީހުން ޖައްސަނީ ހީވެސް ނުކުރާފަދަ މޮޅަތި "ކްރިއޭޓިވް" އުސޫކުތައް ބޭނުންކޮށްގެނެވެ. އަތުގައި އަބަދު އޮންނަ މޮބައިލް ފޯނަށް ކޮށްލާ އެންމެ ކޯލަކުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލުން މި ދަނީ އާންމުވަމުންނެވެ. އެފަދަ ބައެއް ހާދިސާތައް ކިޔުންތެރިންނާ ހިއްސާކޮށްލާނަމެވެ. ފަހަރުގައި އެފަދަ ކަންކަމަށް އާންމުން ހޭލުންތެރިކަން ކުޑައީ ކަމަށް ވެސް ވެދާނެ އެވެ.

އެކަމާ ގުޅިގެން މުއާސަލާތީ ކުންފުނި، ދިރާގުން އެ ކުންފުންޏަށް ހުށަހެޅިފައިވާ އެފަދަ މައްސަލަތައް "ސަން" އާއި ހިއްސަކުރި އެވެ. ދިރާގުގެ އެސިސްޓެންޓް މެނޭޖާ މާކެޓިން ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ ފޯނަށް ކޯލެއް ކޮށްލައިގެން ދައްކާ ވާހަކައަކުން މީހުން މަޅީގައި ޖެއްސުމުގެ ޝަކުވާ އެ ކުންފުންޏާ ވަރަށް ގިނައިން ހުށަހަޅަމުން އަންނަ ކަމަށެވެ.

އެގޮތުން ދިރާގުން ހިންގާ ޕްރޮމޯޝަނެއް ނުވަތަ އެހެން ކަމަކާ ގުޅިގެން އިނާމެއް ލިބިއްޖެ ކަމަށް ބުނެ ދިރާގުގެ ނަމުގައި ކޮށްލާ ފޯނުކޯލަކުން ދައްކާލާ "ކްރިއޭޓިވް" ވާހަކަތަކުން މީހުން އަތުން އޮޅުވާލައިގެން ފައިސާ އަތުލާކަމަށް އިމްޖާދު ވިދާޅުވި އެވެ.

"މި ކޮށްލަނީ ފޯނު ކޯލެއް. ކޮށްލާފަ މި ބުނަނީ މި ގުޅާލީ ދިރާގުންނޭ ތިޔަ ބޭފުޅަކީ މިވެނި މީހެއްނޫންހޭ ތިޔަ ބޭފުޅާއަށް ވަނީ މިވެނި ޕްރޮމޯޝަނެއްގެ ދަށުން 65000 ރުފިޔާގެ އިނާމެއް ލިބިފައޭ ނަމަވެސް އެއީ އަގުބޮޑި އިނާމަކަށް ވާތީ މިވެނި ނަންބަރަކަށް ވަކި އަދަދެއް ރީލޯޑް ކޮށްލުމުން ނުވަތަ އެކައުންޓަކަށް ޖަމާކޮށްލުމަށް ފަހު ކޮންމެވެސް ގަޑިއެއްގަ އިނާމު ބަލާ އަންނާށޭ. ދެން ކަސްޓަމަރު މި އަންނަނީ ދިރާގަށް އިނާމުބަލާ. އެކަމަކު އިނާމެއް ނުލިބޭ. އޭރު މި އޮންނަނީ އެއްކަލަ ނަންބަރަށް ފައިސާ ވެސް ޖަމާކޮށްފައި،" އިމްޖާދު ވިދާޅުވި އެވެ.

އެފަދަ އެހެން ހާދިސާއެއް ވެސް އިމްޖާދު ހިއްސާކުރެއްވި އެވެ. މަސްވެރިކަމަށް ނުކުމެ އުޅުނު މަސްދޯންޏެއްގެ ކެޔޮޅެއް އާންމުކޮށް ކްރެޑިޓަށް އެއްޗެހި ނަގާއުޅޭ ފިހާރައެއްގެ ސޭޓަށް އޮލުވާލައިގެން ފައިސާ ހޯދި މައްސަލައިގެ ވާހަކަ އެވެ. ފިހާރައަށް ގުޅައިގެން ކެޔޮޅުގެ ފޯނަށް ރީލޯޑް ކޮށްދިން ހާދިސާ އެވެ. ނަމަވެސް އާހިރުގައި ރީލޯޑްގެ ފައިސާކޮޅު ލިބުނީ ވަގުކަލޭގެ އަށެވެ. މަޅިއެރީ ސޭޓުގެ ކަރަށެވެ.

"ކެޔޮޅެއް އާންމުކޮށް ކްރެޑިޓަށް އެއްޗެހި ނަގާ ފިހާރައެއް އެއީ. އެ ފިހާރައިގެ ސޭޓަށް ގުޅާފައި ބުނަނީ މިއީ މިވެނި މަސްދޯންޏެއްގެ މިވެނި ކެޔޮޅެކޭ. އަހަރުމެން ވަރަށް އަވަހަށް ތިޔަ ރަށު ފަޅަށް އެބަ ވަންނަމޭ. އެކަމަކު ވަރަށް އަވަހަށް ބޭނުންވާތީ ފޯނަށް މިވެނި އަދަދަކަށް ފައިސާ ފޮނުވާލާފައި ބުނާ ކާއެއްޗެއް ހިފައިގެން ބަނދަރު ދޮށަށް އަންނާށޭ. އެކަމަކު ސޭޓު ނުވަތަ ސޭޓު ފޮނުވާ މީހާ ބަނދަރުގައި ހުރެހުރެ ވެސް ދޯންޏެއް ނާދޭ. އެހިސާބުން މި އެނގެނީ އެއީ ވަގެއްކަން،" ދިރާގުގެ އެސިސްޓެންޓް މެނޭޖާ މާކެޓިން ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ އެފަދަ ކަންކަން އަމިއްލަ މިހާގެ ފޯނުން އެހެން މީހުން ކުރުން ވެސް އާންމުވެފައިވާ ކަމަށެވެ. އެހެންކަމުން އަމިއްލަ ފޯނުގައި ވެސް ޕާސްވޯޑެއް ޖަހައިގެން ގެންގުޅުމާއި އިތުބާރު ކުރެވޭވަރުގެ މީހަކަށް ނޫނީ ޕާސްވޯޑުތައް ނުދިނުމަށް ދިރާގުން އިލްތިމާސް ކުރާ ކަމަށް އިމްޖާދު ބުންޏެވެ. އަދި އެފަދަ ފޯނުކޯލެއް އައިތުވެއްޖެނަމަ އެ ކޯލަކުން ބުނާ ކަމެއް ކުރުމުގެ ކުރިން ދިރާގުގެ 123 އަށް ގުޅައިގެން އެއީ ކިހާވަރެއްގެ ހަގީގަތެއްތޯ ޔަގީން ކުރުމަށް ވެސް ދިރާގުން އިލްތިމާސްކުރެ އެވެ.

އެކަމާ ގުޅިގެން އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވީ އެފަދަ ކޯލެއް ލިބިއްޖެ ނަމަ އެމީހަކު ބުނާ ކަމެއް ކުރުމުގެ ކުރިން އުރީދޫގެ ކަސްޓަމާ ކެއާ ނަންބަރު، 929 އަށް ގުޅައިގެން އެކަން ސާފުކުރަން އިލްތިމާސް ކުރާ ކަމަށެވެ. އަދި ޕްރޮމޯޝަނަކުން ކަސްޓަމަރެއް ހޮވުނު ނަމަވެސް އުރީދޫ އިން ކަސްޓަމަރާ މުއާމަލާތް ކުރާނީ 929 އިން ގުޅައިގެން ކަމަށް މަރީ ވިދާޅުވި އެވެ. އަދި އެފަދަކަމެއް ދިމާވެއްޖެނަމަ އަވަހަށް ފުލުހުންނަށް އެމައްސަލަ ހުށަހެޅުމަށް ވެސް އުރީދޫ އިން އިލްތިމާސްކުރެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭކު ފޯންކޯލްތައް މެދުވެރިކޮށް އޮޅުވާލައިގެން މީހުން އަތުން ފައިސާ ފޭރުމުގެ "ގިނަ މައްސަލަތަކެއް" ފުލުހުންނަށް ވެސް ހުށަހަޅާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފުލުހުން ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށާއި ގޮތް ނޭނގޭ ފަރާތަކަށް ނުވަތަ ކާކުކަން ޔަގީންނުވާ ފަރާތަކަށް ރާސްޓަސް ނުވަތަ ރީލޯޑް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އެފަދަ މައްސަލަތައް އަޅުގަނޑުމެން ދަނީ މުއާސަލާތީ ކުންފުނިތަކާ ގުޅިގެން ތަހުގީގު ކުރަމުން. މި ފުރުސަތުގައި ވެސް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން ގޮތް ނޭންގޭ ފަރާތަކުން އެދިގެން ރާސްޓަސް ނުވަތަ ރީލޯޑް ނުކޮށްދިނުމަށް. އެކައުންޓްތަކަށް ފައިސާ ޖަމާ ނުކުރުމަށް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް އިތުރުވެފައިވާ އިރު، އަދި ގިނަ ބަޔަކު އެފަދަ ފޭކު ފޯނުކޯލްތަކުގެ މަޅީގައި ޖެހިފައިވާ އިރު މުއާސަލާތީ ކުންފުނިތަކުންނާއި ފުލުހުންގެ އިލްތިމާސްތައް އެބައޮތެވެ. ގޮތް ނޭންގޭ ފަރާތްތަކަށް ރީލޯޑް، ރާސްޓަސް ނުކޮށްދިނުމެވެ. އެފަދަ ކޯލެއް ލިބިއްޖެނަމަ "ހަފަރާތުން" އެއީ ރަނގަޅު ކޯލެއްކަން ޔަގީން ކުރުމެވެ. އެހެން ނޫންނަމަ މިފަދަ މައްސަލަތައް ދާނީ އާންމުވަމުންނެވެ. ރައްޔިތުން ހޭލުންތެރިވާން އެބަ ޖެހެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެފަދަ މަޅިތައް ކަރުގައި އެޅުވިޔަ ނުދޭށެވެ.