15 Jan 2015, 09:30
ޕެރިސް (ޖަނަވަރީ15): އައިއެސް ޖަމާއަތާ ދެކޮޅަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ފަރަންސޭސިވިލާތުގެ މަތިންދާބޯޓު އުފުލާ މަނަވަރު ޗާލް ޑިގޯލް ބައިވެރިވެދާނެ ކަމަށް އެގައުމުގެ ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވެއްޖެ އެވެ.
ފަރަންސޭސިވިލާތުގެ ދެކުނުގެ ބަނދަރަކުން ފުރައިގެން އަރަބި ގަލްފު ސަރަހައްދަށް ދިޔުމަށް އިއްޔެ މިސްރާބު ޖަހާފައިވާ ޗާލް ޑިގޯލް މަނަވަރު ފުރުމުގެ ކުރިން އެމަނަވަރުގައި ދެއްވި ޚިތާބެއްގައި އޮލާންދް ވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކާއި ގަތްލުއާންމުތައް ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ނާކާމިޔާބު ވެފައިވާކަމުގަ އެވެ.
ސޫރިޔާގެ ރައްޔިތުން އެގައުމުގެ ސަރުކާރުގެ އަތްދަށުންނާއި އައިއެސްފަދަ ހަރުކަށި ޖަމާއަތްތަކުގެ އަތްދަށުން ކަތިލެވެމުންދާއިރު އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ބައިނަލްއަގްވާމީ މުޖްތަމައަށް ކުރެވިފައި ނުވާކަމަށް ވެސް އޮލާންދް ވިދާޅުވި އެވެ. އަދި ޗާލް ޑިގޯލް މަނަވަރު ގަލްފުގެ ސަރަހައްދަށް ފޮނުވަނީ ސޫރިޔާއާއި އިރާގުގެ އިތުރުން މުޅި މެދުއިރުމަތީގެ ޙާލަތު މިހާރު އޮތް ގޮތުން ކަމަށް ވެސް އޮލާންދް ވިދާޅުވި އެވެ. ނަމަވެސް އައިއެސް ޖަމާއަތާ ދެކޮޅަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ފަރަންސޭސިވިލާތުގެ މަތިންދާބޯޓު އުފުލާ މަނަވަރު ޗާލް ޑިގޯލް ބައިވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ފްރާންސްވާ އޮލާންދް ވިދާޅުވެފައި މިވަނީ ހަތިޔާރުއަޅައިގެން ތިބި ބަޔަކު މިދިޔަ ހަފްތާގައި އެގައުމުގައި ދިން ޙަމަލާތަކެއްގައި 17 މީހުން މަރުވުމާ ގުޅިގެންނެވެ.
އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން އިރާގުފަދަ އިސްލާމީ ގައުމުތަކަށް އަރައިގަނެ ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގައި އެތަށް ލައްކަ ބަޔަކު މަރާލައި މުޅިގައުމު ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)