އިސްތަންބޫލް (ޖަނަވަރީ15): ފަރަންސޭސިވިލާތުގެ ޗާލީ އެބްޑޫ ނޫހުން އަނެއްކާވެސް ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަށް ފުރައްސާރަކޮށް ކާޓޫނު ކުރަހައި އަލުން ޝާއިޢުކުރި ކުރުމަކީ ދުނިޔޭގެ ދޮޅު ބިލިޔަނެއްހާ މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން ހިންގި ޢަމަލެއްކަމަށް އިސްލާމީ ބައެއް ގައުމުތަކުން ސިފަކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން ތުރުކީގެ ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ހުޅަނގުގެ ބައެއް ނޫސްތަކުންނާއި ކުރެހުންތެރިންފަދަ ފަންނުވެރިން އިސްލާމީ މުޖްތަމައުގެ އަގުތަކަށް ގަސްދުގައި ޖެއްސުން ކުރުމުން ގެންދިޔުމަކީ އެފަރާތްތަކުގެ ހިތްތަކުގައި މުސްލިމުންނާއި އިސްލާމް ދީނާމެދު ހަސަދައާއި ނަފްރަތު އޮތްމިންވަރު ހާމަކޮށްދޭ ކަމެއް ކަމުގަ އެވެ. ޗާލީ އެބްޑޫ ނޫހުން އަނެއްކާ ވެސް ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމައަށް ކާޓޫނު ކުރެހުމާ ގުޅިގެން ތުރުކީގެ ކޯޓަކުންވަނީ ޗާލީ އެބްޑޫ ނޫހުގެ އިންޓަނެޓްގެ އެޑިޝަން ނުފެންނާނެ ގޮތް ހެދުމަށް ތުރުކީ ސަރުކާރަށް ގޮވާލައި ގަރާރެއް ނެރެފަ އެވެ.

ނަމަވެސް ތުރުކީގެ ލާދީނީ ފިކުރުގެ ބަޔަކު ނެރޭ ނޫހެއް ކަމަށްވާ ޖުމްހޫރިއްޔަތު ނޫހުންވަނީ ޗާލީ އެބްޑޫ ނޫހުގައި އަލުން ޝާއިޢުކުރި މިކާޓޫން އެނޫހުގައި ވެސް ޝާއިޢުކޮށްފަ އެވެ. މިޖަރީމާ ކުށްވެރިކުރަމުން އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން މަރްޟިއްޔާ އަފްޚަމް ވިދާޅުވެފައިވަނީ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހުޅަނގުން މުސްލިމުންނާއި އިސްލާމް ދީނަށް ގޮންޖަހައި ފުރައްސާރަ ކުރަމުން ގެންދާ ކަމަށާ މިއީ ގަބޫލުނުކުރެވޭނެ ކަމެއް ނޫންކަމުގަ އެވެ. އަދި ޓެރަރިޒަމްގެ ޙަމަލާތަކުގެ ޝިކާރައަކަށް ހުޅަނގުން ވަނީ އެމީހުންގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ކަމަށް ވެސް މަރްޟިއްޔާ ވިދާޅުވި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަ ކުރަމުން ގެންދާއިރު ހުޅަނގާ ވާހަކަ ދައްކައި ހުޅަނގާ ރަޙްމަތްތެރިކަން ބޭއްވުމަކީ އިސްލާމީ ގައުމުތަކަށް ފަސޭހަ ކަމެއްނޫންކަން ހުޅަނގުން ދަންނަންޖެހޭނެ ކަމުގަ އެވެ. ޢިރާގުގެ ދީނީ ކަންތައްތަކާ އަދި އަވްގާފް އާބެހޭ ކޮމިޓީން ބުނީ ހުޅަނގުން މުސްލިމުންނަށް އިޙްތިރާމް ނުކުރުމަކީ ބޮޑުމައްސަލައެއް ކަމަށާ އިސްލާމް ދީނާއި އެދީނުގެ ރަސޫލާއަށް ފުރައްސާރަ ކުރުން މަނާކުރާ ގާނޫނެއް ފާސްކުރުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލާކަމުގަ އެވެ. ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި ގުދްސުގެ މުފްތީވެސްވަނީ ޗާލީ އެބްޑޫނޫހުން ހިންގާ މިޖަރީމާ ކުށްވެރިކޮށް ބަޔާންތައް ނެރުއްވާފަ އެވެ.

މީގެއިތުރުން އިސްލާމީ ގައުމުތަކުގެ ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުންވެސްވަނީ ޗާލީ އެބްޑޫ ނޫހާ ދެކޮޅަށް އިއްޔެ ބަޔާންތައްނެރެފަ އެވެ. ޗާލީ އެބްޑޫ ނޫހުގެ އިއްޔެގެ އަދަދުގައި ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ އަށް އަނެއްކާވެސް ކާޓުން ކުރަހާފައިވާއިރު އެނޫހުގެ މަސްއޫލުވެރިއަކު ވަނީ އެކި ފަރާތްތަކަށް ފުރައްސާރަކޮށް ކާޓޫން ކުރެހުން އެނޫހުން ހުއްޓާނުލާނެ ކަމަށް ބުނެ ހަރުކަށިކަން ކުރިޔަށް ނެރެފަ އެވެ. ޗާލީ އެބްޑޫ ނޫހުގެ އިއްޔެގެ އަދަދަކީ ހަތިޔާރު އަޅައިގެން ތިބި ބަޔަކު މިމަހު 7 ވަނަ ދުވަހު އެ ނޫހުގެ މައި އޮފީހަށްވަދެ ހަމަލާ ދީ 12 މީހުން މަރާލި ހާދިސާއަށް ފަހު އެނޫހުން ނެރުނު ފުރަތަމަ އަދަދެކެވެ. (އަލްޖަޒީރާ)