06 Feb 2011, 18:04
ޤާހިރާ : މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ސަރުކާރާއެކު ވާހަކަދެއްކުމަށް ދެކޮޅުހެދުމަށްފަހު އެސަރުކާރާއެކު އަލުން ވާހަކަ ދައްކަން ނިންމައިފި ކަމަށް މިސްރުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނެފިއެވެ.
މިޖަމާޢަތުގެ މުރްޝިދުލްޢާންމު މުޙައްމަދު ބަދީޢު ވިދާޅުވީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ޓަކައި މިސްރުގެ ރައްޔިތުން އުތުރިއަރަމުންގެންދާ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއެކު ވާހަކަދައްކަން ނިންމީ ރައްޔިތުންގެ ބޭނުންތައް ސަރުކާރަށް ހާމަކޮށްދިނުމަށެވެ. ރައްޔިތުންގެ ބޭނުންތަކަކީ މުބާރަކް ވެރިކަމުން ފާބައިވަޑައިގަތުމާއި މުބާރަކް ވައްޓާލުމަށް މަސައްކަތްކުރި ފަރާތްތަކަށް އަނިޔާދިން މަސްއޫލުވެރިންގެ މައްޗަށް ޝަރީޢަތް ހިންގުމާއި މުބާރަކްގެ ޕާޓީގެ އަޣްލަބިއްޔަތުއޮތް މިސްރުގެ ރައްޔިތުންގެ މަޖިލިސް އުވާލުމެވެ.
މީގެއިތުރުން މިސްރުގައި ޒަމާނުއްސުރެއޮތް ކުއްލިޙާލަތު އުވާލުމާއި ދިމުޤްރާތީ އިސްލާޙްތައް ގެނަސް މިނިވަން އިންތިޚާބެއް ބޭއްވެންދެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާއި މިނިވަން މީޑިޔާއެއް ޤާއިމްކުރުމާއި ޕާޓީތައް އެކުލަވާލުމުގެ ފުރިހަމަ މިނިވަންކަން ދިނުންވެސް ހިމެނެއެވެ. އަދި މުބާރަކްގެ ވެރިކަމުގައި ޖަލަށްލާފައިވާ ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކުރުންވެސް މިބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
މުބާރަކްގެ ސަރުކާރާއެކު ވާހަކަ ނުދެއްކުމަށް މިސްރުގެ ހުރިހާ އިދިކޮޅު ފަރާތްތައް ނިންމާފައިވާ ނިންމުމާ ޚިލާފަށް އެސަރުކާރާއެކު ވާހަކަދައްކަން ނިންމި ނިންމުމާބެހޭ ގޮތުން އިޚްވާނުލްމުސްލިމީން ޖަމާޢަތުންބުނީ މިގޮތަށް ނިންމީ އިދިކޮޅުހުރިހާ ފަރާތްތަކުން ހުށަހަޅާ ޝަރުތުތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އެއްބަސްވުމުން ކަމަށާއި މީގެތެރެއިން ގިނަ ޝަރުތުތައް މިހާރުވެސް ފުރިހަމަ ކޮށްދީފައިވާ ކަމުގައެވެ. އަދި ހުރިހާ އިދިކޮޅު ފަރާތްތަކުން އެދޭ މައިގަނޑު ޝަރުތުކަމަށްވާ ރައީސް މުބާރަކް ވެރިކަމުން ފޭބުމުގެ ޝަރުތު ފުރިހަމަކޮށްނުދޭނަމަ ސަރުކާރާއެކު ވާހަކަ ދެއްކުން ހުއްޓާލާނެ ކަމަށްވެސް އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނެއެވެ.
މިގޮތަށް ސަރުކާރާއެކު ވާހަކަ ދައްކަން ނިންމި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ މެދުގައި ބައިބައިވުން ނުއުފެދޭނެ ކަމަށްވެސް އެޖަމާޢަތުން ބުނެއެވެ. އިޚްވާނުލްމުސްލިމީން ޖަމާއަތަކީ މުބާރަކްގެ ސަރުކާރުން މަނާކޮށްފައިވާ ޖަމާޢަތެކެވެ. މިޖަމާޢަތާއެކު ވާހަކަ ދެއްކުމަކީ މުބާރަކްގެ ސަރުކާރު ނިކަމެތިވެ އިދިކޮޅުފަރާތްތަކަށް ބޯލަނބަންޖެހިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.