14 Jan 2015, 23:26
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ، ހުޅުމާލެއިން މިރޭ ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ، އެ މީހާ ހައްޔަރުކުރީ ހުޅުމާލޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި މިއަދު ހެނދުނު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ މީހާ ހައްޔަރުކުރީ މިއަދު ހެނދުނު 9:30 ހާއިރު އޭނާ ހުޅުމާލޭގައި އުޅޭ ފުލެޓު 01-1-131 އެޕާޓުމަންޓުގެ ކޮޓަރި އަކުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކޮޓަރި ތެރޭގައި އޭނާ ހުއްޓައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި އެ މީހާގެ ކޮޓަރި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 57 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ފިލްމު ހުސްކުރި 14 ދަޅާއި ބަނގުރާ ހުސްކޮށްފައިވާ ތިން ފުޅީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި، ފައިސާ ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ތަފާތު އެކި މައްސަލަތަކާއި ގުޅިގެން 14 ފަހަރު ހުއްޓުވައި ސުވާލުކޮށް ތިން ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއް ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަޙުޤީޤު ކުރަމުންނެވެ.