ރާއްޖެއަށް ބޭނުންވާ އެކިއެކި ދާއިރާތަކަށް ދަރިވަރުން ލެންބުމަށްޓަކައި އެކުދިންނަށް ކައުންސިލިން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަދްރަސަތުލް އަހުމަދިއްޔާ، އިންޓަނޭޝަނަލް ސްކޫލަކަށް ރީބްރޭންޑް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމަކީ ދިވެހި ދައުލަތަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ފޮތުގެ ތައުލީމާއެކު އެކިއެކި ފަންނުތަކުގެ ތައުލީމް ދެވޭނެ ގޮތްތަކެއް ސްކޫލްތަކުގައި ހޯދައިދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުދިންގެ ވިސްނުމަށް ޖާގަ ދޭންވާނެ. އެކުދިންގެ ސްޓައިލަށް ނުވަތަ އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާތަކަށް އިސްކަން ދޭންވާނެ. އެއާއެކީ މައިންބަފައިންނަށް ވިސްނޭގޮތުގައި އަދި މުދައްރިސުންނަށް ވިސްނޭގޮތުގައި ދައުލަތަށް، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ކުދިން ލެންބުމަށްޓަކައި ކައުންސިލިން ދޭންޖެހޭނެ. އެކަޑެމިކް ކައުންސިލުން ދޭންވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ފަންނީ ތައުލީމުތައް ސްކޫލްތަކުގައި ކިޔަވައިދޭނަމަ ސްކޫލްތައް ނިންމާފަައި ނުކުންނަ ކުދިންނަކީ ތައުލީމުން ވަނަ ހޯދާ ފަދައިން ފަންނީ ތައުލީމާއި ތަމްރީން ލިބިފައިވާ ކުދިންނަށް ވެގެންދާނެ ކަމަށެވެ. އަދި އެފަދަ މަސައްކަތްތެރިކަމުގެ ދާއިރާތަކައް ސްކޫލްތަކުން ޖާގަ ދިނުމަށް ރައީސް ޔާމީން އިލްތިމާސްކުރެއްވި އެވެ.

އަހްމަދިއްޔާ ސްކޫލުން ހޯދާފައިވާ ކާމިޔާބީތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ދަރިވަރުންގެ ހަޔާތް ބާއްޖަވެރިކޮށްދޭ ސްކޫލެއްކަން އަހުމަދިއްޔާ ދައްކައިދީފި ކަމަށެވެ. އަދި އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދޭން، ރާއްޖޭގެ ތަނަވަސްކަންހުރި ފަރާތްތަކަށް މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ގޮވައިލެއްވި އެވެ.

"އަހުމަދިއްޔާ ހޯދި ވަނަތަކާއި އަހުމަދިއްޔާ މީގެ 32 އަހަރުކުރިން އޮތް ހިސާބާ މިއަދު އޮތް ހިސާބަށް ބަލާއިރު މި ސްކޫލަކީ އެހެން ހުރިހާ ސްކޫލްތަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ލޯތްބާއި އެހީތެރިކަން ބޭނުންވާ ސްކޫލް،" ރައީސް ވިދާޅުވި އެވެ.