14 Jan 2015, 22:02
ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަށް ޝަރީއަތަށް ނުފޮނުވައި ސުލްހަވެރިކަމާ އެކު ހައްލު ކުރެވޭނެ ސެކްޝަނެއް ގާއިމްކޮށް، އެ ސެކްޝަނުގެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ އުސޫލު ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެ މައްސަލަ ބަލައިގަންނަތާ ތިން ދުވަހުގެ ތެރޭގައި ޝަރީއަތަކާ ނުލައި މައްސަލަތަކަށް ސުލްހަވެރި ހައްލު ހޯދައިދިނުމުގެ ސެކްޝަނަށް، ރަޖިސްޓްރާ އެ މައްސަލަ ފޮނުވަންޖެހޭނެ ކަމަށެވެ.
ރަޖިސްޓްރާ އެ ސެކްޝަނަށް މައްސަލަ ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހިންގުމަށްޓަކައި އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ނިންމަންވާނެ ކަމަށް ވެސް އެ ސާކިއުލާގައި ވަނީ ބަޔާންކޮށްފައެވެ.
ސިވިލް ކޯޓަށް ބަލައިގަންނަ މައްސަލަތައް ފަނޑިޔާރުންނާ ހަމައަށް ފޮނުވަން ހަމަޖައްސާފައި ވަނީ އެ ސެކްޝަނުން މައްސަލަ ދިރާސާކުރުމަށްފަހު ޝަރީއަތަކާ ނުލައި އެ މައްސަލައަށް ހައްލެއް ނުލިބޭ ބާވަތްތަކުގެ މައްސަލަތައް އެކަންޏެވެ. އެގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ ޝަރީއަތާ ނުލައި މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމެވެ.
ސުޕްރީމް ކޯޓުގެ ސާކިއުލާގައިވާ ގޮތުން އެފަދަ މައްސަލަތައް ހިންގަން ވާނީ ގާނޫނީ ވަކީލަކާ ނުލައި މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތް ހާޒިރުކޮށްގެން ދެ ފަރާތުން ދައްކާ ވާހަކަތަކާއި ހުށަހަޅާ ހެކީގެ މައްޗަށް ބިނާކޮށެވެ.
އެފަދަ މައްސަލަތައް ހިންގާއިރު ދެ ފަރާތަށް ވެސް 20 މިނެޓުގެ ހަތަރު ފުރުސަތުދޭންޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ. އަދި މައްސަލައާ ގުޅިގެން އެއްވެސް ފަރާތަކުން ހާޒިރުކޮށް ކަމެއް ސާފުކުރަންޖެހޭނަމަ އެކަން ސާފުކުރުމަށާއި ހެކިބަހާމެދު ދެ ފަރާތުން ވެސް ދެކޭގޮތް ހާމަކުރުމަށްޓަކައި ދެ ފަރާތަށް ވެސް ފަސް މިނެޓުގެ ހަތަރު ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.
އެ ސެކްޝަނަށް ހުށަހެޅޭ މައްސަލައާ މެދު ދެ ފަރާތުން ސުލްހަވެރި ހައްލަކަށް ނާދެވިއްޖެނަމަ ނުވަތަ ސުލްހަވެރި ހައްލުކަމަށް އެ ސެކްޝަނުން ދެކޭގޮތް ދެ ފަރާތުން ވެސް ގަބޫލުނުކޮށްފިނަމަ، އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްޓަކައި ކަމާބެހޭ ސެކްޝަނަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.
މީގެއިތުރުން ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ސުޕްރީމް ކޯޓުގެ ކަމާ ބެހޭ ސެކްޝަނަށް ފޮނުވަންވާނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމު ކުރި ސާކިއުލާގައި ސިވިލް ކޯޓުގައި އަލަށް ގާއިމްކުރި ހުރިހާ ސެކްޝަންތަކުން މައްސަލަ ހިންގާނެ ގޮތުގެ އުސޫލު ވަނީ ބަޔާންކޮށްފައެވެ.
ސުޕްރީމް ކޯޓުން ވަނީ މިއަދު އެކޯޓުން ނެރުނު ސާކިއުލާގެ ކޮޕީ، ސަރުކާރުގެ ހުރިހާ އިދާރާތަކަށް ފޮނުވައިފައެވެ.