14 Jan 2015, 21:54
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި އެންމެހައި މުސްލިމުންނަށް ތަކުރާރުކޮށް ފުރައްސާރަކުރަމުން އަންނަ ފަރަންސޭސި ނޫހެއްގެ އޮފީހަށް މިދިޔަ ހަފުތާގެ ބުދަދުވަހު ދެ މީހަކު ބަޑިން ހަމަލާދިނެވެ. ވެރިރަށް ޕެރިހުގައި ހުރި އެއޮފީހަށް ދިން ހަމަލާގައި ދެ ފުލުހަކު ހިމެނޭ ގޮތުން ޖުމްލަ 12 މީހުން މަރުވި އެވެ. ޖެހިގެން އައި ބުރާސްފަތި ދުވަހު ވެސް ޕެރިހުގައި ދެ ހާދިސާއެއް ހިނގި އެވެ. ދެ ދުވަސް ތެރޭގައި ހިނގި ހާދިސާތަކުގައި މަރުވިމީހުންގެ ޖުމްލައަކީ 17 އެވެ.
އެ ހާދިސާތަކާ ގުޅިގެން "ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށް" ކަމަށް ބުނެ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެރިން ޕެރިހަށް އެއްވެ، ހިނގައިލުމެއް ބޭއްވި އެވެ. އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ވަނީ އެހިނގައިލުމާ ބެހޭ ވަރަށް މުހިއްމު ނުޤުތާއެއް ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަމަކީ ހިނގައިލުމުގައި ބައިވެރިވި ބައެއް ލީޑަރުން ނިސްބަތްވެވަޑައިގަންނަވާ ގައުމުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ ދެއްވުމުގައި އެންމެ ދެރަ ރެކޯޑް އޮތް ގައުމުތައް ކަމެވެ. އެގޮތުން ފާހަގަކޮށްފައިވާ ބައެއް ގައުމުތައް ތިރީގައި މިވަނީއެވެ.
އިސްރާއީލް
އިސްރާއީލް ސިފައިން މިދިޔަ ހޫނުމޫސުމުގައި އެކަނިވެސް ހަ ނޫސްވެރިއަކު ގަސްދުގައި މަރާލާފައިވެ އެވެ. އަދި އޭގެ ދެ އަހަރު ކުރިން ވެސް އެތައް ނޫސްވެރިންނެއް އެމީހުން މަރާފައިވެ އެވެ. އަދި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ކުރާ މުޒާހަރާތައް ބަލާ ނޫސްވެރިންނަށް އިސްރާއީލު ސިފައިން އާއްމުކޮށް ހަމަލާދެ އެވެ.
މިސްރު
މިސްރުގެ ޖަލުތަކުގައި މިހާރު ވެސް 16 ނޫސްވެރިއަކު ބަންދުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި ގަތަރުގެ އަލްޖަޒީރާގެ ތިން ނޫސްވެރިން އަކު ހިމެނެ އެވެ. އެ އެންމެން ވެސް މިސްރުން ބަންދު ކުރީ ބަޣާވާތަކުން މިސްރުގެ ވެރިކަން ވައްޓައިލުމާ ގުޅިގެން އެގައުމުގައި ހިނގައި ދިޔަ ކަންތައްތައް ރިޕޯޓް ކުރުމުންނެވެ.
ތުރުކީ
މުޅި ދުނިޔޭގައި ވެސް 2013 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން ޖަލަށްލާފައި ވަނީ ތުރުކީގަ އެވެ. އެގައުމުގެ ޖަލުތަކުގައި އަދިވެސް ހަތް ނޫސްވެރިން އެބަ ތިއްބެވެ. އޭގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު އިދިކޮޅު ލީޑަރެއް ކަމަށްވާ ފަތުހުﷲ ގުލެންއާ ގުޅުން އޮންނަ މީޑިއާ އައުޓްލެޓް ތަކެއް ބަލައި ފާސްކޮށް 23 މީހަކު ހައްޔަރުކުރި އެވެ.
ސައުދީ އަރަބިއްޔާ
ހިނގައިލުން ބޭއްވުމުގެ ކުރިން އައި ހުކުރު ދުވަހު އެގައުމުގައި ވަނީ މީހަކު ހެދި ވެބްސައިޓަކާ ގުޅިގެން އާއްމު ތަނެއްގައި ތައުޒީރުކޮށް 10 އަހަރަށް ޖަލަށް ލާފަ އެވެ. އޭނާއާ އެކު އެފަދަ އެތައް ބައެއް ވެސް ސައުދީ އަރަބިއްޔާގައި ޖަލު ހުކުމް ތަންފީޒުކުރަމުން ދެ އެވެ.
ބަހްރައިން
ބަހުރައިނަކީ އާބާދީގެ ނިސްބަތުން ދެވަނަ އަށް އެންމެ ގިނަ ނޫސްވެރިން ޖަލަށްލާފައިވާ ގައުމެވެ. ޑިމޮކްރަސީއަށް ތާއީދުކޮށް ކުރި މުޒާހަރާއެއް ކަވަ ކުރުމުން ފަރަންސޭސި ޓީވީ ސްޓޭޝަނެއް ކަމަށްވާ ފްރާންސް 24ގެ ނޫސްވެރިޔާ ނަޒީހާ ސައީދު ޖަލަށް ލައި އިންސާނިއްޔަތާ ހިލާފު އަނިޔާ ދިން ކަމުގެ ތުހުމަތު އެގައުމާ ދެކޮޅަށް ކުރެވެ އެވެ.
ރަޝާ
ރަޝާގައި އެގައުމުގެ ސަރުކާރު މުވައްޒަފަކަށް ފުރައްސާރަ ކުރުން ނުވަތަ ފަނޑިޔާރަކަށް ފުރައްސާކުރުން ފަދަ ތުހުމަތުތަކުގައި ނޫސްވެރިންނާއި ބްލޮގަރުން ޖަލަށް ލާފައިވެ އެވެ. އޭގެ އިތުރުން ތަފާތު ނޫސްތަކުގެ ވެބްސައިޓްތައް އެގައުމުގައި ނުބެލޭގޮތް ހަދާފައިވެ އެވެ.
ޔްނައިޓެޑް އަރަބް އެމިރޭޓްސް
ބްލޮގް ހިންގާ ތިން މީހަކު މިހާރު ވެސް އެގައުމުގެ ޖަލުގައި އެބަތިއްބެވެ. މުސްލިމް ބްރަދަހުޑް ޖަމާއަތާ ގުޅުން އޮންނަ ކަމުގެ ތުހުމަތުކޮށް ނޫސްވެރިއަކު މުވާސަލާތީ ގުޅުންތަކުން މަހުރޫމްކޮށްގެން އެގައުމުގައި އެއް މަސް ދުވަހު ގެންގުޅެފައިވެ އެވެ.