14 Jan 2015, 21:28
ދިވެހި ފޮޓޯގުރާފަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ބެލުމަށް ސަރުކާރުން ފަށާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިއަދު 'ސަން'އަށް ވިދާޅުވިގޮތުގައި ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވަމުންދާ ފޮޓޯގުރަފީގެ ދާއިރާގައި ދިވެހީންނަށް ދިމާވެފައިވާކަމަށް ބުނާ މައްސަލަތައް ބެލުމަށް ސަރުކާރުން ނިންމައި މަސައްކަތް ފަށާފައިވާ ކަމަށެވެ. ކުރިއަށްއޮތްތަނުގައި ފޮޓޯގުރާފަރުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްވެސް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހި ފޮޓޯގުރާފަރުންނާއި ބައްދަލުކުރަން ވަނީ ނިންމާފައި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފޮޓޯގުރާފީ ދާއިރާ، ރާއްޖޭގައި މިހާރު އޮތް މިންވަރު ބެލުމަށްވެސް ކަންތައްތަކެއް ކުރުމަށް ނިންމައި އެމަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ދިވެހި ފޮޓޯގުރާފަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ބެލުމަށް މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު ދިވެހި ފޮޓޯގުރާފަރުން ބުނަނީ، ބިދޭސީން އެދާއިރާއަށް އަތްގަދަ ކުރުމުގެ ސަބަބުން ދިވެހިންނަށް ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ "ސަން"އަށް ވިދާޅުވީ، ރިސޯޓްތަކުގައި ކުންފުނިތައް ހަދައިގެން ގިނަ އަދަދެއްގެ ބިދޭސީ ފޮޓޯގްރާފަރުން ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެތައް ދިވެހިންނަކަށް ފުރުސަތު ގެއްލި ފޮޓޯގްރަފީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 14 ރިސޯޓެއްގައި 28 އަށްވުރެ ގިނަ ބިދޭސީ ފޮޓޯގްރާފަރުން ހަރަކާތްތެރިވާއިރު ހުޅުމާލޭގައި ފުލެޓު ހިފައިގެން ފޮޓޯނަގައިގެން އާމްދަނީ ހޯދާ ވިއްސަށް ވުރެ ގިނަ ބިދޭސީން، ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.