ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ޔާމީން އިދްރީސް މިއަދު 'ސަން' އަށް ވިދާޅުވީ، އެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާން ޝައުގުވެރިވާ މީހުން ރަޖިސްޓްރީވެ ފައިސާ ދެއްކުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މީހުން ފޯމް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް 86 ފަރާތަކުން ރަޖިސްޓްރީވެ ފައިސާ ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިދިޔަ އަހަރު އުމްރާއަށް ގޮސްފައިވަނީ 50 މީހުންނެވެ.

"ފުރުސަތު ހުޅުވާޅުމުން 100އެއްހާ މީހުން ފޯމް ގެންގޮސްފައިވޭ. އަޅުނގަޑުމެން ގަބޫލުކުރަނީ މިއަހަރު އެހައި އަދަދު ގިނަވެގެން އެދަނީ ހައްޖު ކޯޕަރޭޝަނަށް ކުރާ އިތުބާރަށް. އަޅުނގަޑުމެން އުއްމީދުކުރަނީ 500-300 އަށްވުރެ ކުޑަ ނުވާނެ ކަމަށް މިފަހަރު،" ޔާމީން ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރުގެ އުމްރާއަށްދާން ބޭނުންވާ މީހުން ރަޖިސްޓްރީވެ ފައިސާ ދެއްކުމަށް ފުރުސަތު ހުޅުވައިލީ، މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

އުމްރާއަށް ދާ މީހުންގެ އަތުން ނަގާ ފީއަށް މިއަހަރު 5000 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު އުމްރާއަށް ދިއުމަށް ނަގާފައިވަނީ ކޮންމެ މީހެއްގެ އަތުން 34850 ރުފިޔާ އެވެ. އަދި މިއަހަރު އެ ކޯޕަރޭޝަނުން ނަގަން ނިންމާފައިވަނީ 39965 ރުފިޔާ އެވެ.

ނަމަވެސް ފަހެއް ފެބްރުވަރީގެ ކުރިން އުމްރާއަށް ދިއުމުގެ ފީގެ ތެރެއިން 10،000 ރުފިޔާ ދައްކާ މީހުންނަށް، އޭޕްރިލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް މަސްތަކަށް ބަހާލައިގެން ފައިސާ ހަމަކުރެވޭނެ އެވެ.

ޔާމީން ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ އުމްރާއަށްދާ މީހުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ކަމަށެވެ. އެގޮތުން މިއަހަރު އުމްރާއަށް ދިއުމުގެ އަގަށް އައިސްފައިވާ ބަދަލާއެކު އުމްރާ އަށްދާ މީހުން ބައިތިއްބާ ހޮޓަލާއި، ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.