14 Jan 2015, 20:17
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާން ދޫކުރި ޖާގަތައް 2017 ވަނަ އަހަރާ ހަމައަށް ފުރިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ޔާމިން އިދްރީސް މިއަދު 'ސަން' ވިދާޅުވީ، އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދެނީ ފައިސާ ދައްކާ ތަރުތީބުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އެ ކޯޕަރޭޝަނަށް ހައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ އަދަދުން ބަލާނަމަ، ކުރިއަށް އޮތް ދެ އަހަރު ވެސް ހައްޖަށް ދިއުމުގެ ޖާގަ ފުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްޖަށްދާ މީހުންގެ ލިސްޓަށް އިތުރު ކުރަނީ ހައްޖަށްދާން ކަނޑައަޅާ އަދަދުގެ 75 ޕަސެންޓް ނުވަތަ އެއަށްވުރެ އިތުރަށް ފައިސާ ދައްކާ ބޭފުޅުން. މިހާރު އެވަރަށް ފައިސާ ދައްކާފައިތިބި ބޭފުޅުން ތަރުތީބު ކުރާއިރު، 2017 ވަނަ އަހަރާ ހައްޖަށް ދިއުމުގެ ޖާގަ އޮތީ ފުލްވެފައި،" އެމްޑީ ޔާމީން ވިދާޅުވި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ ކޯޓާގެ 50 އިންސައްތަ ދޫކުރަނީ ހައްޖު ކޯޕަރޭޝަނަށެވެ. އެއީ ރާއްޖެއަށްދޭ 1000 މީހުންގެ ޖާގައިގެ ތެރެއިން 500 މީހުންގެ ޖާގައެވެ. އަނެއްބައި ދޫކުރަނީ ހައްޖަށް މީހުންގެންދާ އަމިއްލަ ހަތަރު ޖަމާއަތަކަށެވެ.
ޔާމީން ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން ބޭނުންވާ މީހުންގެ ޖާގަ 2017 ވަނަ އަހަރާ ހަމައަށް ފުރުނު ނަމަވެސް، ސަރުކާރުން ކޯޓާ ދޫކުރާ އުސޫލަށް އަންނަ ބަދަލަކުން އެއަށްވުރެ އަވަހަށް ވެސް ހައްޖަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.