14 Jan 2015, 20:08
ގާނޫނުއަސާސީ ހިމާޔަތް ކުރަން ވާންޖެހުނު ކޮންމެ ގުރުބާނީ އަދާލަތު ޕާޓީން ވާނެކަމަށް އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާންގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި މިހެން ވިދާޅުވެފައިވާއިރު މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވެފައި ވަނީ، އުސޫލެއް ނެތި ގާނޫނުއަސާސީއާ ކުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު ސްރީލަންކާއަށް އިއްޔެ ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ، ގާނޫނުއަސާސީ ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭނޭ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ، ޖަމާއަތްތައް ވެސް ބައިވެރިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެމްޑީޕީއާ އެކު ތެދުވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަޝްވަރާކުރަމުންދާ ކަމަށްވެސް އިއްޔެ ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ޖުމްހޫރީ ޕާޓީއާއެކު ބައެއް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ގާނޫނުއަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ނުތެދުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންނަމަވެސް މިކަމާއި ގުޅިގެން ޖޭޕީއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.