14 Jan 2015, 19:57
އެމެރިކާގައި ގެއްލިފައިވާ ކުޑަ ކުދިން "ލޮކޭޓު" ކުރުމުގެ ހިދުމަތް "އެމްބާ އެލާޓް"ގެ އެހީއާ އެކު ފޭސްބުކް އިން ދޭން ފަށައިފި އެވެ.
"ނޭޝަނަލް ސެންޓަރ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން" އާ ގުޅިގެން ފޭސްބުކް އިން މިއަދު ދޭން ފެށި އެ ހިދުމަތަކީ ކުއްޖަކު ގެއްލުނު ސަރަހައްދުގައި ފޭސްބުކް ބޭނުންކުރާ މީހުންނަށް އެކުދިން އަވަހަށް ހޯދައިދިނުމަށް އެހީތެރިވުމަށް ދޫކުރާ ހިދުމަތެކެވެ.
އޭބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފޭސްބުކް ސެކިއުރިޓީގެ ޓްރަސްޓް އެންޑް ސޭފްޓީ މެނޭޖަރު އެމިލީ ވެޗާ ވިދާޅުވީ، އެމްބާ އެލާޓުތައް ފޭސްބުކް މެދުވެރިކޮށް ފޮނުވުމަކީ އޭގައި އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. ސަބަބަކީ، ފޭސްބުކް އަކީ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެއް ނެޓުވޯކު ކަމުގައި ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްބާ އެލާޓް ފޭސްބުކް ތްރޫކޮށް ލިބުމަކީ އޭގައި އޮތް އެންމެ އިފެކްޓިވް ގޮތް. ސަބަބަކީ ފޭސްބުކް އަކީ އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ނެޓްވޯކް. އެހެން ކަމުން އެލާޓް އެއްޗެހި ފޮނުވުމުން ކުދިން ހޯދުމަށް އިތުރަށް ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހިދުމަތާއެކު ކުއްޖާ ގެއްލުމުގެ ކުޑަ ހިނދުކޮޅެއްގައި އެލާޓު ލިބޭނެ ކަމަށެވެ. އޭރުން ކުއްޖާ ހޯދުމުގައި ބޮޑެތި ފަސޭހަ ތަކެއް ވާނެ އެވެ. ރޭޑިއޯ ތަކުންނާއި މަގުމަތިން ފެންނަ ޕޯސްޓަރުތަކުން ގެއްލިފައިވާ ކުއްޖެއްގެ މައުލޫމާތު ލިބުމަށްވުރެ އެމްބާ އެލާޓު ލިބުމުން ގެއްލުނު ކުއްޖާއަށް ގެއްލުމެއް ލިބުމުގެ ކުރިން އެކުއްޖާ ހޯދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެޗާ ވިދާޅުވި އެވެ.
އެމްބާ އެލާޓް ނުވަތަ "ޗައިލްޑް އެބްޑަކްޝަން އެމާޖެންސީ" އެލާޓް ސިސްޓަމް އުފެދުނީ 1996ގައި 9 އަހަރުގެ އެމްބާ ހެގަމަން ގެއްލުމާ ގުޅިގެންނެވެ. ވަގަށް ނެގުމަށްފަހު މަރާލާފައި އޮއްވާ ފެނުން އެމްބާގެ ނަމުގައި ހަދާފައިވާ އެލާޓް ސިސްޓަމް މިހާރު ތަފާތު ނަން ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރެ އެވެ. އެގޮތުން ޖޯޖިއާގައި "ލީވައިސް ކޯލް" ގެ ނަމުގައި އެ ސިސްޓަމް ބޭނުން ކުރާއިރު ހަވާއިގައި ބޭނުން ކުރަނީ މެއިލީ އެމްބާ އެލާޓް ގެ ނަމުގައެވެ.