ބަރލިން : މަލްޓިކަލްޗަރަލިޒަމް އިނގިރޭސިވިލާތުގައި ފޭލްވެއްޖެ ކަމަށް އެޤައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވިދާޅުވެއްޖެއެވެ. ޖަރުމަނުގައި ބޭއްވި އަމްނާބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެމެރޮން ވިދާޅުވީ ތަފާތު ދީންތަކާއި ތަފާތު ބަސްތަކާއި ތަފާތު އާދަކާދައިގެ މުޖްތަމަޢަކަށް އިނގިރޭސިވިލާތް ހެދުމަށް ކުރެވުނު އުންމީދުތައް ވިއްސިވިހާލިވެ ނާކާމިޔާބުވެގެން ހިނގައްޖެ ކަމުގައެވެ.

ތަފާތު ދީންތަކާއި ތަފާތު ބަސްތަކާއި ތަފާތު އާދަކާދައިގެ މުޖްތަމަޢަކަށް އިނގިރޭސިވިލާތް ހެދުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އިނގިރޭސި ހުރިހާ ރައްޔިތުންޙިއްސާކުރާ އެއްޤައުމިއްޔަތެއްނެތި އެއްބަޔަކު އަނެއްބަޔަކާ އެކަހެރިކޮށްއުޅޭ އަދި އެއްބަޔަކު އަނެއްބަޔަކާނުގުޅޭ ވަކިވަކި މުޖްތަމަޢުތަކަށް ވެގެންގޮސްފައިވާ ކަމުގައެވެ. މިކަމުގެ ސަބަބުން ކޮންމެ ޘަޤާފަތެއްގެ ބަޔަކުވެސް އެބައެއްގެ އަމިއްލަވަންތަ ގޮތުގައި ހިފަހައްޓައި އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި މަޢާފްކުރުމުގެ ރޫޙު ގެއްލިގެންގޮސްފައިވާ ކަމަށް ކެމެރޮން ވިދާޅުވިއެވެ.

ކެމެރޮންގެ ވާހަކަ ފުޅުގައި އިނގިރޭސިރައްޔިތުންގެ ގޮތުގައި ހިމެނޭ މުސްލިމުންނަށް ފާޅުގައި ފާޑުވިދާޅުވިއެވެ. އަދި މީގެތެރެއިން އެއްބަޔަކު ހަރުކަށި މީހުންގެ ގޮތުގައި ސިފަކުރައްވައި އަނެއްބަޔަކު މެދުމިނުގެ މީހުންގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ހަރުކަށި މުސްލިމުން އެމީހުންގެ ގޮތްތައް ޔުނިވަރސިޓީތަކާއި ޖަލުތަކުގައި ފަތުރަމުންގެންދާ ކަމަށް ވިދާޅުވެ މިފަދަފަރާތްތައް ދައުލަތުންދޭ ޢިނާޔަތްތަކާއި ފައިސާގެ އެހީތަކުން މަޙްރޫމްކޮށް އެމީހުންނާމެދު ހަރުކަށިގޮތެއްގައި ފާރަލަމުން ގެންދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.

ކެމެރޮންގެ ސަރުކާރުގައި ހިމެނޭ މުސްލިމް ވަޒީރެއް ކަމަށްވާ ސަޢީދާ ވާސީ ދާދިފަހުންވަނީ މުސްލިމުންނާމެދު ތަފާތުކުރުމާއި ނުރުހުމުގެލޮލުން ބެލުން އިނގިރޭސިވިލާތުގައި ޢާންމު ވެއްޖެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ކެމެރޮންގެ ކޮންޒަވެޓިވް ޕާޓީގެ އިސްމަސްއޫލުވެރިއެއްގެ މަޤާމްވެސް އަދާކުރައްވާ ސަޢީދާ ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ޢާންމުންގެ ހިތްތަކުގައި ރުޅިވެރިކަން އުފައްދާ އެއްވަސީލަތަކީ އިނގިރޭސި މީޑިޔާ ކަމުގައެވެ. މިގޮތުން މުސްލިމުންނާއި ޓެރަރިޒަމާ ގުޅުވުމާއި މުސްލިމަކު ޓެރަރިޒަމްގެ ޢަމަލެއް ހިންގައިފިނަމަ އެކަމުގައި ހުރިހާ މުސްލިމުން ޝާމިލްވާކަން ދޭހަވާގޮތަށް މުސްލިމުންނާމެދު ނުރުހުމާއި ނަފްރަތު އުފެއްދުމުގެ ޕްރޮޕަގެންޑާއާއި ޚަބަރުތައް ފެތުރުމަކީ އިނގިރޭސި މީޑިޔާގެ ސިފައެއް ކަމަށް ސަޢީދާ ވަނީ ވިދާޅުވެފައެވެ. އަދި ހަރުކަށި ޢަމަލުތަކާއި ހަރުކަށި ވިސްނުން ގެންގުޅެނީ މުސްލިމުން އެކަނި ނޫންކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އިނގިރޭސިވިލާތުގެ އެކްސިޓަރ ޔުނިވަރސިޓީގައި ހުންނަ ޔޫރަޕްގެ މުސްލިމުންނާބެހޭ ދިރާސާތަކުގެ މަރުކަޒުން ކުރި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން އިނގިރޭސި ފުލުހުންވެސް މުސްލިމުންނާމެދު ތަފާތުކުރުމާއި ނަފްރަތުގެ ޝުޢޫރުތައް ގެންގުޅެއެވެ. އަދި އިނގިރޭސިވިލާތުގައި މުސްލިމުންނަށް ގޯނާ ކުރުމުގެ ކަންތައް އެންމެ ބޮޑީ ކުދި ރަށްތަކުގައާއި އަވަށްތަކުގެ ކުދި ގޯޅިތަކާއި އެކަހެރި ތަންތަނުގައި ކަމަށާ އިނގިރޭސިބައެއް މުސްލިމުން އިނގިރޭސި މުޖްތަމަޢުގައި އެމީހުން ޙިސާރު ކުރެވިފައިވާ ކަމުގެ އިޙްސާސް ކުރަމުން ގެންދާ ކަމަށްވެސް މިދިރާސާ ބުނެއެވެ.