14:30


ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެތި ގެންގުޅުން މަނާކުރުމުގެ ބިލުގެ މައިގަނޑު މަގުސަދަކީ އެމްޑީޕީ ބޭނުންވާ ސިޔާސީ ބަޔަކު ހައްޔަރުކޮށް، ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.


މި ބިލުގެ ބަހުސްގައި އިދިކޮޅު މެންބަރުން ވިދާޅުވީ، މި ބިލުގެ ނަން ކިތަންމެ ރީއްޗަސް ބިލުގައި ހިމެނިފައިވާ ކަންތައްތަކަކީ ވަކި މަގުސަދެއް ހާސިލްކުރުމަށް ހިމަނާފައިވާ ކަންތައްތަކެއް ކަމަށެވެ. އެގޮތުން މީހަކު ދައްކާ ވާހަކައަކުން، ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން ނުވަތަ ލިޔާ އެއްޗަކުން ވިޔަސް އެއީ ބިރުދެއްކުމެއް ކަމަށް އަނެއް މީހާއަށް އިހްސާސްކުރެވޭ ކަންތައްތަކަކީ ބިރުދެއްކުން ކަމަށް ބެލެވިދާނެ ކަމަށް ބިލުގައި ހިމަނާފައިވުމާއި، މީހެއްގެ ފަޅު އިމާރާތަކުން ނަމަވެސް ފެންނަ ވެރިފަރާތެއް ނުވާ ތޫނު އެއްޗަކީ އެ އިމާރާތުގެ ވެރިފަރާތުގެ އެއްޗެއް ކަމަށް ބިލުގައި ހިމަނާފައިވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ނަމަވެސް ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ ގައުމުގައި ހިނގާ، މީހުންނަށް ހަމަލާދިނުމާއި ބިރުދެއްކުމުގެ އަމަލުތައް ހުއްޓުވުމަށް މި ބިލަކީ މުހިއްމު ބިލެއް ކަމަށެވެ އަދި މި ބިލަކީ ސިޔާސީ އެއްވެސް މަގުސަދެއް އޮތް ބިލެއް ނޫން ކަމަށާއި، މިބިލާ މެދު ގައުމީ ގޮތެއްގައި ހުރިހާ މެންބަރުން ވާހަކަ ދެއްކެވުމަށް ވެސް އެ މެންބަރުން އެދިވަޑައިގެންނެވި އެވެ. މި ބިލަށް ބަހުސްކުރެއްވުމަށް ކަނޑައަޅާފައިވާ ވަގުތު ނިމުމުން ބިލު ބަލައިގަނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން ޖަލްސާގައި ތިއްބެވި 67 މެންބަރުންގެ ތެރެއިން 66 މެންބަރުން ވޯޓު ދެއްވައިގެން މަޖިލީހަށް ބިލް ބަލައިގަނެ ކުރިއަށް ގެންދިއުމަށް ވަނީ ފާސްކުރައްވައިފަ އެވެ.