ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭން ބޭރަށް ކުރައްވާފައިވާ ދަތުރުފުޅުތަކާއި ޚަރަދުތަކުގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.

ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީއަށް ރިޔާޒު ފޮނުއްވި ސިޓީގައި ވަނީ ރައީސް ނަޝީދު އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭން ބޭރަށް ކުރައްވާފައިވާ ދަތުރުފުޅުތަކުގެ އަދަދާއި ދައުލަތުގެ ބަޖެޓުން ކުރައްވާފައިވާ ޚަރަދުތަކުގެ ތަފްސީލް އޭނާ ބޭނުންފުޅުވާ ކަމަށެވެ.

މީގެއިތުރުން "ދި އައިލެންޑް ޕްރެޒިޑެންޓް" ކިޔާ ފިލްމެއް ރައީސް ނަޝީދު ކުޅުއްވާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެހެންކަމުން އެ ފިލްމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކޮށްފައިވާނަމަ އެ ޚަރަދުގެ ތަފްސީލް ވެސް ބޭނުންފުޅުވާ ކަމަށް ރިޔާޒު ގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި ރިޔާޒު އެދިވަޑައިގެންފައި ވަނީ އަންނަ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން އެ މައުލޫމާތުތައް ހޯއްދެވުމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަފްސީލު ހޯއްދަވަން ރިޔާޒު އެދިވަޑައިގެންފައިވާއިރު، އައިލެންޑް ޕްރެޒިޑެންޓް ފިލްމާ ގުޅޭ ދަތުރެއް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެމަނިކުފާނު ކުރައްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ވެސް ވަނީ ހާމަވެފައެވެ.