ރޯޔަލް ކެރިބިއަންގެ ބޯޓެއް ކަމަށްވާ "އޮއޭސިސް އޮފް ސީ"ގައި ދަތުރުކުރި 22 އަހަރުގެ ފިރިހެނަކު ކަނޑަށް ވެއްޓި ފަސް ގަޑިއިރަށްވުރެ ގިނައިރު އެހީއަށް އެދިގޮވަމުން ދަނިކޮށް ޑިޒްނީގެ ކްރޫޒް ޝިޕަކުން އޭނާ ސަލާމަތް ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި އެމީހާ ކަނޑަށް ވެއްޓުނީ ބޯޓުގެ އަރިމަތީގައި ހުއްޓައިކަމަށް ވެއެވެ. އަދި އެމީހާ ކަނޑުގައި އޮވެ އެހީއަށް އެދި ގޮވަމުން ދަނިކޮށް އޭނާ ސަލާމަތްކުރި ޑިޒްނީ ކްރޫޒް ޝިޕުގައި ދަތުރުކުރި ފަސިންޖަރެއް ކަމަށްވާ ޑޭވިޑް ހާން ބުނީ އެ މީހާ ސަލާމަތްވީ "ކިރިޔާ" ކަމަށެވެ.

"އޭނާ ވަރަށް ނަސީބު ގަދަ. އޭނާ އެ އޮތް ތަނަށްވުރެ ތަންކޮޅެއް ދުރުގައި އޮތް ނަމަވެސް އަހަރެމެންނަކަށް އޭނާ ހަޅޭއްލަވާ އަޑެއް ނީވޭނެ. އޭނާ ސަލާމަތްވީ ހަމަ ކިރިޔާ،" ހާން ބުންޏެވެ.

ރޯޔަލް ކެރީބިއަން ކްރޫޒް ލައިނަށް ނިސްބަތްވާ ބޯޓު، ކޭޕް ހައިޓިއަންގެ ލަބަޑީ ބީޗްގައި ބަނދަރުކޮށްފައި -- ފޮޓޯ: ދަގާޑިއަން

އޮއޭސިސް އޮފް ސީ އިން ދަތުރުކުރި އެމީހާ ވެއްޓިފައިވަނީ މެކްސިކޯގެ ކޮޒޫމެލް ކޯސްޓު ކައިރިއަށެވެ. ނަމަވެސް އޭނާ ވެއްޓެން ދިމާވި ސަބަބެއް ހަނދާން ނުވާކަމަށް އޭނާ ބުންޏެވެ.

ކަނޑުން ސަލާމަތްކުރި މީހާއަށް މެކްސިކޯގެ ލޯކަލް ހޮސްޕިޓަލަކުން ފަރުވާ ދިނުމަށްފަހު އެމީހާ މިހާރު ވަނީ އެމެރިކާއަށް ފޮނުވާލާފައެވެ.