14 Jan 2015, 19:13
މި އަހަރުގެ އޯގަސްޓު މަހު ރިޔޫނިއަންގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރު ވުމުގެ ގޮތުން އަންނަ މަހުގެ ތެރޭގައި ގައުމީ ކުޅިވަރު ކެމްޕޭނެއް ފަށަން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ރާވާފައި ވާކަމަށް އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ އަހުމަދު މަރުޒޫގް ވިދާޅުވެއްޖެ އެވެ.
މަރުޒޫގް ވިދާޅުވީ، އެ ކެމްޕޭން ހިންގުމުގެ ބޭނުނަކީ އިންޑިއަން އޯޝަން އާއިލެންޑް ގޭމްސްގައި ރާއްޖޭން މީގެ ކުރިން ދުވަހަކުވެސް ނުހޯދާ ވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދަން މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ކެމްޕޭނާ ބެހޭ ގޮތުން ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކައުންސިލްގެ އިތުރުން އެސޯސިއޭޝަން ތަކާއެކުވެސް މަޝްވަރާ ކުރެވިފައި ވާކަމަށާއި، އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ކެމްޕެއިން ކިކް ސްޓާޓް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މަރުޒޫގް ވިދާޅުވި އެވެ.
"މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަޅުގަނޑުމެންގެ ޓާގެޓަކީ 11 އާއި ނުވަޔަކާ ދެމެދުގެ އަދަދަކަށް މެޑަލް ހޯދުން. އެ ޓާގެޓް އަޅުގަނޑުމެން މިއަހަރަށް ކަނޑައެޅީ ރާއްޖެ މިނިވަން ވިތާ 50 އަހަރު ފުރުން މި އަހަރު ފާހަގަ ކުރާއިރު، ކުޅިވަރުގެ ގިނަ ކާމިޔާބީތަކަކާއި އެކު އެކަން އަޅުގަނޑުމެން ފާހަގަ ކުރުން. އެހެން ކަމުން އެ ގޭމްސްއަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ކުޅިވަރު ކެމްޕެއިނެއްގެ ގޮތުގައި ކެމްޕެއިނެއް ފަށަން ވިސްނީ،" މަރުޒޫގް ވިދާޅުވި އެވެ.
މަރުޒޫގް ވިދާޅުވީ އެ ކެމްޕޭން ކުރިއަށް ގެންދަން ވިސްނާފައި ވަނީ ހަތް މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި، އެ ކެމްޕޭނުގެ ތެރޭގައި އެތުލީޓުން ތަމްރީނު ކުރުމާއި، މުބާރާތަށް ފަންޑު ހޯދުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ.
މަރުޒޫގް ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގެ ސަރުކާރުގެ ފަރާތުންނާއި އޮލިމްޕިކް ކޮމިޓީން، އެ މުބާރާތުގައި ސަރަހައްދީ މެޑަލްތައް ހޯދަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށާއި، މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް ގަބޫލް ކުރެއްވޭ ކަމަށެވެ.
"އެ ގޭމްސްގައި މިފަހަރު އަޅުގަނޑުމެންގެ ޓާގެޓް ހާސިލް ކުރެވޭނެ ކަމަށް ގަބޫލް ކުރެވޭ. އެއީ އުމުރާއި ޕާފޯމެންސަށް ބެލިޔަސް މިހާރު ރާއްޖޭގެ ގިނަ އެތުލީޓުން ތިބީ އެމީހުންގެ އެންމެ ޕީކް ހިސާބުގައި. އަދި އެކަމަށް މަސައްކަތް ކުރުމުގެ ގޮތުން މިއަހަރުތެރޭ ރާއްޖޭގެ އެސޯސިއޭޝަންތަކުން ބައިވެރިވާ ބައިނަލްއަގްވާމީ މުބާރާތްތަކާއި ގައުމީ މުބާރާތްތައްވެސް ބަލާނީ އެ މުބާރާތަށް ވާ ތަމްރީނު ތަކެއްގެ ގޮތުގައި. އެހެން ކަމުން މުޅި އަހަރުތެރޭ ބޭއްވޭ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފޯކަސް އޮންނާނީ އެ މުބާރާތައް ތައްޔާރު ވާން،" މަރުޒޫގް ވިދާޅުވި އެވެ.
މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10 ކުޅިވަރަކުން ރާއްޖޭގެ 14 ޓީމެއް ބައިވެރިވާއިރު، އޭގެ ތެރޭފައި ފުޓްބޯޅަ، ބާސްކެޓް، ވޮލީ، ޓެނިސް، އެތުލެޓިކްސް، ޓޭބަލް ޓެނިސް، ސްވިމިންގް، ހޭންޑްބޯލް، ވިންޑްސާފިންގް އަދި ބެޑްމިންޓަން ހިމެނެއެވެ.