ދެމެފިރިންގެ ދިރިއުޅުމުގެ ދެމެދަށް ބިދޭސީން ވަންނަލެއް މަދެއް ނޫނެވެ. ކައިވެނި ރޫޅި ވަރިފަށަށް ދިއުމުގެ މެދުވެރިންނަށް ވެސް ބިދޭސީންވެ އެވެ. ޅަ ދަރިންގެ ޖިންސީ ގޯނާތަކުގެ ގާތިލުންނަށް ވެސް ބިދޭސީންވެ އެވެ. މަސްވެރިކަމުގައި ވެސް އެ މީހުން އުޅެ އެވެ. ބިދޭސީންގެ ވަކި ހިއްޕާލާފައި އޮތް ކޮންސްޓުރަކްޝަން ދާއިރާއިން ފެށިގެން ގޮސް ކަންމަތީ ފިހާރަތަކުގައި ވެސް ތިބީ ހަމަ އެ ވެރިންނެވެ. ތައުލީމާއި ސިއްހީ ދާއިރާ ވެސް އޮތީ ހަމަ އެހެންނެވެ.

މިވެރިން މިއަދު މި ވަނީ ދިވެހި ޒުވާނުންގެ މުސްތަގުބަލަށް ހުރަސް އަޅާފަ އެވެ. ދިވެހި ފޮޓޯގްރާފަރުންގެ ދާއިރާގައި މި މީހުންގެ އުނދަގޫ ބޮޑުވެއްޖެ އެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ފޮޓޯގްރާފަތުން ހޯދަމުންދިޔަ އާމްދަނީ ވެސް މިހާރު ލިބެނީ ބިދޭސީންނަށެވެ. އެތައް ޑޮލަރެއް ޒުވާނުނަށް ލިބުނު އެ ވިޔަފާރިއަށް ބިދޭސީ ވަނީ އަތްގަދަކޮށްފަ އެވެ.

"މީގެ ކުރިން ރިސޯޓް ވެޑިންތަކުން ވަރަށް ގިނައިން އާމްދަނީ ލިބޭ، އެކަމަކު މިހާރު އަހަރެމެންނަކަށް ޗާންސެއް ނެތް. މުޅިން ބޭރު މީހުން އެ ހުރިހާ އާމްދަނީއެއް އެ ހޯދަނީ،" ސަންއާ ވާހަކަ ދެއްކި ޒުވާންފޮޓޯގުރާފަރެއް ބުންޏެވެ.

ރާއްޖޭގައި 1500 އަށްވުރެ ގިނަ ފޮޓޯގުރާފަރުން ހަރަކާތްތެރިވާއިރު އެ ދާއިރާއިން އެ މީހުންގެ ތެރެއިން ގިނަ ބަޔަކު ދިޔައީ މަހަކު 40،000 އާއި 50،000 ރުފިޔާއާ ދޭތެރޭގެ އާމްދަނީއެއް ހޯދަމުން ކަމަށް ފޮޓޯ ގުރާފަރުންގެ ޖަމިއްޔާ، ފޮޓޯ ކައުންސިލްއިން ބުންޏެވެ.

ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ "ސަން"އަށް ވިދާޅުވީ ރިސޯޓްތަކުގައި ކުންފުނިތައް ހަދައިގެން ގިނަ އަދަދެއްގެ ބިދޭސީ ފޮޓޯ ގުރާފަރުން ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ އެކަމުގެ ސަބަބުން އެތައް ދިވެހިންނަކަށް ފުރުސަތު ގެއްލި ފޮޓޯގްރަފީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.

"ދެން ޒުވާނުންނަށް ވަޒީފާ ދޭ ވާހަކައާއި ޒުވާނުންނަށް އަހުލުވެރިކުރުވާ ވާހަކަ ސަރުކާރުން މި ދައްކަނީ، ދައްކާއިރު މީތި ދެކޮޅެއް ނުޖެހޭ، ރިސޯޓަކަށް ގުޅާއިރު ރިސޯޓުން މިބުނަނީ ތިމަންނަމެއްގެ ތިބެޔޭ ބަޔަކު. މިހާރު ވެސް އެބަހުރި 2019 އާ ހަމައަށް ރިސޯޓްތަކުގައި ކޮންޓެކްޓު ހަދާފައި ބިދޭސީ ފޮޓޯގުރާފަރުން،" ޝާފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 14 ރިސޯޓެއްގައި 28 އަށްވުރެ ގިނަ ބިދޭސީ ފޮޓޯގުރާފަރުން ހަރަކާތްތެރިވާއިރު ހުޅުމާލޭގައި ފުލެޓު ހިފައިގެން ފޮޓޯނަގައިގެން އާމްދަނީ ހޯދާ 20 އަށްވުރެ ގިނަ ބިދޭސީއިން ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އިމިގުރޭޝަނުން ފޮޓޯ ގުރާފަރުންނަށް ވިސާ ދުލެއް ނުކުރާ ކަމަށް ބުނި ނަމަވެސް ބިދޭސީއިން އެ ދާއިރާގައި ވަރަށް ގިނައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޝާފީ ވިދާޅުވި އެވެ.

"ގެސްޓު ހައުސްއެއްގެ ރިސެޕްސަނިސްޓެއްގެ ވަޒީފާ އަށް ވިސާނަގާފައި އެބަހުރޭ، ލޯކަލް އިންވެސްޓްމަންޓޫގެ ދަށުން އެބަ ވިސާ ހޯދާ. ވިސާ ހޯދާ ގޮތެއް ނޭންގޭ އެކަމަކު މި މީހުން އެބަ މަސައްކަތް ކުރޭ، ދެން އެއްވެސް ދިވެއްސަކަށް ފުރުސަތެއް ނުލިބޭ،" ޝާފީ ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން އިމިގުރޭޝަންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބިދޭސީ ފޮޓޯ ގުރާފަރުންނަށް އެ މަސައްކަތް ކުރުމަށް މިހާރު ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ. އެ މަސައްކަތައް އަލުން ބިދޭސީ ފޮޓޯ ގުރާފަރުންނަށް ނާދެވޭނެ ކަމަށް އިމިގުރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިމިގުރޭޝަންއިން އެހެން ބުނި ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެތައް ބިދޭސީއިނެއް ފޮޓޯ ނެގުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކަމެވެ. އަދި އެކަމުގެ ސަބަބުން އެތައް ދިވެހި ޒުވާނުންނަކަށް ލިބެން ހުރި އެތައް ޑޮލަރެއްގެ އާމްދަނީއެއް ދަނީ މި ގައުމުން ބޭރު ކުރަމުންނެވެ. ފޮޓޯ ގުރާފަރުންގެ ކަންބޮޑުވުމަކީ އިންތިހާއަށް މަސައްކަތްކޮށް ވެސް އެފަދަ ކަންކަމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ހައްލެއް ހޯދާ ނުދޭތީއެވެ.