އިޓަލީ ވިލާތުގެ ރައީސް ގައިރިގޯ ނަޕޯލިޓަނޯ،89، މަސައްކަތައް ހުއްޓަވާލައްވައި އިސްތިއުފާގެ ސިޓީ ފޮނުއްވައިފި އެވެ.

ބީބީސީ އިން މިއަދު ބުނީ އޭނާގެ ވަކިވުމަކީ އިޓަލީގެ ބޮޑުވަޒީރު ބޮޑުވަޒީރު މައްޓެއޯ ރެންޒީ އަށް ބޮޑު މައްސަލަައަކަށް ވާނެ ކަމަށާއި އަދި އޭނާގެ ބަދަލުގައި މީހަކު ހޯދުން ދަތި ކަމަކަށްވާނެ ކަމަށެވެ.

ބޮޑުވަޒީރަކު އިހްތިޔާރު ކުރުމާއި ޕާލަމެންޓް އުވާލުމުގެ ބާރު ރައީސް އަށް އޮތް ނަމަވެސް މައިގަނޑު ގޮތެއްގައި ރައީސްގެ ދައުރަކީ ރަމްޒީ މަގާމެކެވެ. އަދި އެ ބާރުތައް ބޭނުންކޮށްފައި ވަނީ ވެސް ވަރަށް މަދު ފަހަރަކު އެވެ.

ނަޕޯލިޓަނޯ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ

ނަޕޯލިޓަނޯ މިދިޔަ މަހު ވިދާޅުވީ އޭނާގެ ރައީސް ކަމުގެ މުއްދަތު 2020ގައި ހަމަވުމުގެ މާކުރިން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެއީ ސިއްހަތު ތަން ނުދޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނުރުހި ހުރެ، އެކަމަކު އިތުރު ދައުރެއް އަދާކުރައްވަން ފެއްޓެވި އެވެ.

އިޓަލީގެ ބޮޑުވަޒީރު ވިދާޅުވީ ނަޕޯލިޓަނޯ އަކީ ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ޔޫރަޕިއަން ޕާލަމެންޓާއި އިޓަލީގައި ވަރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ނަޕޯލިޓަނޯ ފުރަތަމަ ޕާލެމަންޓަށް އިންތިހާބުވީ 1953 ވަނަ އަހަރު އެވެ. އޭނާ އިޓަލީގެ ރައީސް ކަމަށް އައްޔަން ކުރީ 2006 ވަނަ އަހަރު އެވެ.