ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މެދުގައި ވެސް މަގުބޫލު ޓްރޭޑާސް ހޮޓެލް ރީބްރޭންޑްކޮށް " ހޮޓެލްސް ޖެން މާލެ"ގެ ނަމުގައި އަލުން ހުޅުވައިފި އެވެ.

މިއީ އެ ހޮޓަލުގެ ނަން ބަދަލު ކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ އެ ހޮޓާ ހުޅުވީ ހޮލިޑޭ އިންގެ ނަމުގަ އެވެ.

މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮޓާ ރަސްމީކޮށް ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ނާޒިމާއި ޔޫތު މިނިސްތަރު މަލީހާއި އެޓާނީ ޖެނެރަލް އަނިލްގެ އިތުރުން އިންޑިއަން ހައިކޮމިޝަނަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖެން ހޮޓެލްސް އަކީ ޝަންގްރިއްލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ ޓްރޭޑާސް ހޮޓެލްތައް ރީބްރޭންޑްކޮށް ހުޅުވަމުން އަންނަ ހޮޓަލެކެވެ. އެގޮތުން އެ ބްރޭންޑްގެ ހަތް ވަނަ ހޮޓާ މިއަދު މާލޭގައި ހުޅުވާފައިވާ އިރު ޝަންގްރިއްލާ އިން އަމާޒު ހިފާފައި ވަނީ އަންނަ އޭޕްރީލް މަހަށްވާ އިރަށް ޖެން ހޮޓެލްސްގެ 10 ހޮޓާ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުޅުވުމަށެވެ.

ހޮޓާ ހުޅުއްވައި ދެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާގައި މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ކުންފުނިތައް މިއަދު ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ ކަމަށެވެ. އަދި ޝަންގްރިއްލާ ފަދަ ކުންފުންޏަކުން ރާއްޖޭގައި އެފަދަ ވިޔަފާރިތައް ކުރަމުންގެންދިއުމަކީ މިނިސްޓަރު ވަރަށް އުފަލާއެކީ ބަލައިގަންނަ ކަމެއް ކަމަށެވެ.

"މިފަދަ ހޮޓާތައް ނުވަތަ ޚިދުމަތްދޭ ތަންތަން ދިވެހިރާއްޖޭގައި، މާލޭގައި ހުޅުވިގެން ދާކަން އެއީ އަޅުގަނޑުމެންގެ ގައުމަށް ވަރަށް ރީތި ނަމެއް ހޯދަދޭކަމެއް،" ސައީދު ވިދާޅުވި އެވެ.

އަމީރު އަހުމަދުމަގުގައި ހިންގަމުން އައި ޓްރޭޑާސް ހޮޓެލް، ހޮޓެލްސް ޖެންގެ ނަމަށް ރީބްރޭންޑްވީ ނަމަވެސް އެ ހޮޓަލުން މީގެ ކުރިން ދެމުންއައި ޚިދުމަތްތަކަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ.

އެ ހޮޓާ ރީބްރޭންޑް ކުރުމާ އެކު ވަނީ ހާއްސަ އަގުތަކަކާ އެކު އޮފާއެއް ހުޅުވާލާފަ އެވެ.