ރައްޔިތުންގ މަޖިލީހުގެ ނައިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާކަން އިއުލާނުކޮށްފި އެވެ.

އެމްޑީޕީގެ އޮފިޝަލް ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު އެމްޑީޕީން ވަކިކޮށް، ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްފައިވާކަމަށެވެ.


މޫސަ އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށް ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނިކުރިކަން އެމްޑީޕީން އިއުލާނުކޮށްފައި ވާއިރު، ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރި މައްސަލަ އެމްޑީޕީގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު ރޭ އެ މަޖިލީހުން ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އަދި އޭނާ ޕާޓީން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައި ކަމަށާއި ގާނޫނު އަސާސީއާ ޚިލާފަށް އެކޮމިޝަނަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެ މައްސަލަ ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.