14 Jan 2015, 15:06
ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް 24 ގަޑިއިރު ޕްރޮސިކިއުޓަރުންނާ ފޯނުން ގުޅޭނެ ނިޒާމެއް ގާއިމް ކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމްކުރިތާ މަހެއްހާ ދުވަސްވެފައިވާ ކަމަށެވެ. އެ ނިޒާމުގެ ދަށުން ބޭނުން ކޮންމެ ވަގުތަކު ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ޕްރޮސިކިއުޓަރުންނާ ފޯނުން ގުޅައި މައުލޫމާތު އޮޅުންފިލުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާރިފް ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމް ކުރުމުގެ ބޭނުމަކީ ފުލުހުން ކުރިއަށްގެންދާ ތަހުގީގުތަކުގައި ޕްރޮސިކިއުޓަރުންގެ ދައުރު ބޮޑުކުރުން ކަމަށެވެ. އެކަމުގެ ސަބަބުން މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ޝަރީއަތަށް ހުށަހެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފަދަ ނިޒާމެއް ގާއިމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތަހުގީގުތަކާ ގުޅިގެން ދިމާވާ ދަތިތައް ހައްލުކުރުން،" އާރިފް ވިދާޅުވި އެވެ.
މިފަދަ ނިޒާމެއް ގާއިމް ކުރުމުގެ ކުރިން ފުލުހުން ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވާ މައްސަލަތައް ދިރާސާ ކުރުމަށް ފަހު، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ފުލުސް އޮފީހަށް ފޮނުވުމަކީ ވަރަށް ގިނައިން ޕީޖީ އޮފީހުން އަމަލުކުރަމުންދާ އުސޫލެކެވެ.