06 Feb 2011, 17:33
ހަގީގީ އެމްޑީޕީ އަށް އަސްލު ވެރިކަމާ ހަވާލު ވެވުނީ އިއްޔެ ކަމަށް ސަރުކާރު ހިންގާ އެމްޑީޕީން ބުނެފި އެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ ނަތީޖާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ދޮންބިލެތް އަހުމަދު ހަލީމް ވިދާޅުވީ، ލޯކްލަ ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން 2013 ވަނަ އަހަރުގެ ވެރިކަން ވެސް ރައްޔިތުން އެމްޑީޕީ އާ ހަވާލު ކުރާނެކަން މިހާރު ޔަގީން ވެފައިވާ ކަމަށެވެ. އަދި ދެން އެމްޑީޕީގެ ވެރިކަން ނިމޭނީ 2018 އަހަރުގެ ނޮވެމްބަރު 11ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއަދު ދިވެހި ރައްޔިތުން މިވެރިކަން ގަބޫލުކޮށްފިކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އަހުމަދު ހަލީމް ވިދާޅުވި އެވެ.
ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުގައި ޑީއާރުޕީގެ މީހުން ހޮވުނު ނަމަވެސް އެމީހުންނާ އެކު ވެސް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށާއި އަދި ކުރިއަށް އޮތް ތިން އަހަރު ވެސް ތަންފީޒު ކުރާނީ އެމްޑީޕީގެ ސިޔާސަތު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސިޔާސަތު ނޫން އެހެން ސިޔާސަތެއް ތަންފީޒް ނުކުރެވޭނެ ކަމަށް ވެސް އެޕާޓީން ބުންޏެވެ.
"އަޅުގަނޑުމެންނަށް މިއަދު މި ޔަގީންވީ 2013 ވަނަ އަހަރުގެ ވެރިކަން އަނެއްކާ ދިވެހިރައްޔިތުން އަޅުގަނޑުމެންނާ ހަވާލު ކޮށްފިކަން. އެހެންވީމަ އަޅުގަނޑުމެން މިއަދު މި ދަތުރު މިފަށަނީ 2018 އާ ހަމައަށް. އަޅުގަނޑުމެންގެ ވެރިކަން ނިމޭނީ 2018 ވަނަ އަހަރުގެ ނޮވެމްބަރަށް" އަހުމަދު ހަލީމް ވިދާޅުވި އެވެ.
ކުރީގެ ކަތީބުން ތިބި ރަށްރަށުގައި އެމީހުން ނުފޫޒު ފޯރުވަމުން ދާ ކަމުގެ މަޢުލޫމާތު ލިބުނު ކަމަށް ވެސް އަހުމަދު ހަލީމް ވިދާޅުވި އެވެ. އަދި ސަރުކާރުގެ ވެރިކަން ކުރާ ފަރާތުން ނުފޫޒު ފޯރުވުމަށް ބޭނުންނުވާތީ އެމްޑީޕީ އަށް ނިސްބަތްވާ އެއްވެސް މީހަކު، އިންތިހާބު ކުރިއަށްދިޔައިރު ރަށްރަށުގެ އިސްމަގާމުތަކުގެ ނުތިއްބަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްވަމުން ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، އިންތިހާބުން މިހާތަނަށް ލިބިފައިވާ ކާމިޔާބީއަށް ބަލާއިރު، އެމްޑީޕީން "އަނެއް ދިވެހިރާއްޖެ ރަށަށް" ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް ހިނގައްޖެ ކަމަށާއި އިއްޔެގެ އިންތިހާބަކީ ލާމަރުކަޒީ ނިޒާމު ގާއިމުކުރުމުގެ މަސައްކަތައް ހުޅުވުނު ދޮރެއް ކަމަށެވެ.
"ކެމްޕޭން ފެށިގެން ދިޔައިރު ބައެއް ފަރާތްތަކުން ވިދާޅުވި މި ވޯޓަކީ ސަރުކާރު ވައްޓާލުމަށް އޮތް ޗާންސެކޭ. އެ ބޭފުޅުން ވިސްނަމުން ގެންދިޔައީ ޕޮޕިއުލާ ވޯޓަކީ ވެސް ބަލަން ޖެހޭ އެއްޗެކޭ. އަޅުގަނޑު ދަންނަވާނީ ރަނގަޅަށް ބައްލަވާށޭ، ކޮބާތޯ ދައްކާ ގޮތަކީ. މި ސަރުކާރު ވައްޓާލުމުގެ ޖާގައެއް ނެތްކަން ރައްޔިތުން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފި އިއްޔެ ދެއްވި ވޯޓުން." ޑރ. ޝަހީދު ޝަހީދު ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރައީސް މުހައްމަދު ނަޝީދު ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ ގުޅުއްވި ކަމަށާއި އެމްޑީޕީ އާއި ޑީއާރުޕީއާ ގުޅިގެން ރާއްޖޭގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރުމުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ އެމްޑީޕީ އަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ދައުރެއްގެ މެދުތެރެއިން ބާއްވާ އިންތިހާބުތަކުގައި ގިނަ ފަހަރަށް ސަރުކާރު ނާކާމިޔާބުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮޑެތި އާބާދީތައް ހިމެނޭ ދާއިރާތަކުން ޑީއާރުޕީ އަށް ނާކާމިޔާބު ލިބުމުގައި ތަފާތު ސަބަބުތައް އެބަހުރި ކަމަށާއި މީހުންނަށް ޑީއާރުޕީ ސިފަކުރެވެނީ ކުރީ ޒަމާނެއްގެ ޕާޓީއެއް ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ދެ ދާއިރާ ފިޔަވައި ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާ އިރު އެމްޑީޕީން ވަނީ މާލޭ ސިޓީ ކައުންސިލުގެ 11 ގޮނޑީގެ ތެރެއިން ނުވަ ގޮނޑި ކާމިޔާބުކޮށް އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮޑިއެއް ހޯދައިފަ އެވެ. މީގެ އިތުރުން ވެސް، އާބާދީ ބޮޑެތި ރަށްރަށުގެ ގޮތުގައި ފާހަގަކުރެވޭ ފުވައްމުލަކާއި ދިއްދޫގެ ވެސް އަގުލަބިއްޔަތު ހޯދާފައިވަނި އެމްޑީޕީންނެވެ.