14 Jan 2015, 14:47
ވޯކްޕާމިޓް ނެތި އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް މާލޭގައި އުޅެމުން ދިޔަ 104 ބިދޭސީއަކު މިއަދު ހޯދައި އިމިގްރޭޝަނަށް ހާޒިރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނުގައި މަޖީދީމަގު މަސްޖިދުއްޒިކުރާ ހުންނަ ސަރަހައްދުން ބިދޭސީންނާ ސުވާލުކޮށް، ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ބުނެފައިވާ 104 ބިދޭސީންގެ މައުލޫމާތު އިތުރަށް ސާފުކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހުރުމަށް ބިދޭސީންނަށް ދޫކޮށްފައިވާ ވިޒާގެ މުއްދަތު ހަމަވުމަށް ފަހު ރާއްޖެ އިން ފުރައިގެން ނުގޮސް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އާމްދަނީ ހޯދުމަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވާކް ވިޒާ ދޫކޮށްފައިވާ ބިދޭސީންގެ ތެރެއިން ރާއްޖޭގައި ވަޒީފާގައި އެމީހުން ގެންގުޅުމަށް ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް ފިލައިގެން އުޅޭ ބިދޭސީން ހޯދައި ރާއްޖޭން ފުރުވާލުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ގައުމުގެ އިގުތިސާދު ރަނގަޅުވުމަށާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން ބުނީ ގާނޫނާ ހިލާފަށް ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތްތައް ޖޫރިމަނާ ކުރަމުން ގެންދާ ކަމަށެވެ. އަދި ކަނޑައަޅާ މުއްދަތެއްގައި ފަހުން ނޫނީ އެފަދަ ފަރާތްތަކަށް އަލުން ހުއްދަ ދޫނުކުރުމަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 3،000 އަށް ވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވެސް ވަނީ ރާއްޖެ އިން ފުރުވާލާފަ އެވެ.