ޑޯޕިންގް ޓެސްޓެއް ހެދުމަށް ގުރުއަތުން ހޮވުނު އުރުދުންގެ ގައުމީ ޓީމުގެ ސްޓްރައިކަރު އަހުމަދު ހަޔާލް އާމެދު އޭއެފްސީގެ ޓެސްޓު ހެދި ފަރާތްތަކުން އަމަލުކޮށްފައި ވަނީ "ސިއްހީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށް" ކަމަށް ބުނެ، އުރުދުންގެ އެފްއޭއިން އޭއެފްސިއަށް މައްސަލަ ހުށަހަޅައިފި އެވެ.

އުރުދުންގެ އެފްއޭއިން ބުނިގޮތުގައި ހަޔާލްއަށް ކުޑަކަމުދާތަކެތީގެ ސާމްޕަލެއް ދޭން ދަތިވުމުން، ޑޯޕިންގް ޓެސްޓު ހެދި އޭފްސީގެ އޮފިޝަލުން ވަނީ އޭނާއަށް "އެތައް ލީޓަރެއްގެ ފެން" ބޯންދީފަ އެވެ. އަދި އެކަމުގެ ސަބަބުން ހަޔާލްއަށް ހޮޑުލެވި، އޭނާ ވަރަށް ބޮޑަށް ބަލިވެފައި ވާކަމަށް އުރުދުންގެ އެފްއޭގެ ސެކްރެޓެރީ ޖެނެރަލް ފާދީ ޒުރެއިޚަތު ވިދާޅުވި އެވެ.

"ޑޯޕިންގް ޓެސްޓަށް ފަހު އަހުމަދު ހަޔާލް ހޮޓަލަށް އައިސްފައި ވަނީ ސެމީ-ކޯމާއެއްގައި. އެންގިފައިވާ ގޮތުގައި ޑޯޕިންގް ކޮންޓްރޯލް ރޫމް ހުރީ ވަރަށް ފިނި ކޮށްފަ. އެކަމުގެ ސަބަބުން އޭނާއަށް ހައިޕޯތާމިއާ ތަހަންމަލް ކުރަން ޖެހުނު. ހަތަރު ގަޑިއިރު ވަންދެން އޭނާއަށް ފެންބޯންދިން. އަދި އެކަމުގެ ސަބަބުން އޭނާއަށް ހޮޑުލެވުމުން އޭއެފްސިން އޭނާއަށް ސިއްހީ ފަރުވާއެއް ނުދޭ،" ޒުރެއިޚަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަޔާލް ފަހުން އަނބުރާ ހޮޓަލަށް ގެންދަން ޖެހުނީ ޕްރައިވެޓު ކާރެއްގައި ކަމަށާއި، ފުރޮޅުލީ ގޮނޑިއެއްގައި ހޮޓަލަށް ވެއްދި އިރު އޭނާ ވަނީ ހޭނެތިފައި ކަމަށެވެ. ޒުރެއިޚަތު ވިދާޅުވީ އުރުދުން އެފްއޭގެ ކުރީގެ ރައީސް އަދި މިހާރު ފީފާގެ ނައިބު ރައީސްކަން ކުރައްވަމުން އަންނަ ޕްރިންސް އަލީ ބިން އަލް ހުސައިން ވެސް އަށް ފޯނުން ގުޅައި ހަޔާލްގެ ހާލު އޭނާ ބައްލަވާފައިވާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އުރުދުންގެ ގައުމީ ޓީމުގެ ޑޮކްޓަރު އަޑޭލް ސްކިރްޖީ ބުނީ ހަޔާލް އަކީ އެ ޓެސްޓުތަކަށް ގުރުއަތުން ހޮވުނު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި އެ ޓެސްޓު ހަދަން މެޗު ނިންމާފައި ދިޔައިރު ކުޑަކަމުދާ ތަކެތި ނުދެވުނީ މެޗު ކުޅުމުގެ ސަބަބުން ހަޔާލްގެ ގައިން ފެން މަދުވެފައި ވުމުން ކަމަށާއި، ހަށިގަނޑު ރީހައިޑްރޭޓް ކުރުމަށް ހަޔާލް އަށް ވަގުތު ބޭނުން ވާނެ ކަމަށެވެ.

ޚަބަރުތައް ލިބިފައިވާ ގޮތުގައި އެކަމުގެ ސަބަބުން އުރުދުން ޓީމުގެ ކޯޗް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. އަދި އޭޝިއަން ކަޕްގައި ފަލަސްތީނާ ދެކޮޅަށް އުރުދުން ކުޅެން އޮތް މެޗުގައި ހަޔާލްއަށް ނުކުޅެވިދާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބުނެ، އެ ޓީމްގެ ކޯޗް ވަނީ އޭއެފްސީގެ ޑޯޕިންގް ޓެސްޓުތައް ހަދަން ތިބި އޮފިޝަލުން ކަންތައް ކޮށްފައި ވަނީ 'ނުރައްކާތެރި' ގޮތަކަށް ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެޝިއަން ކަޕް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފައި ވަނީ، އެ ހާދިސާއާ ގުޅޭ ގޮތުން އެއްޗެކޭ ބުނެވޭނީ އެކަމާ ގުޅޭގޮތުން ނެރޭ ރިޕޯޓަށް ބެލުމަށްފަހު ކަމަށެވެ.